ސައުތު އެފްރިކަން އެއާވޭޒް އިން ދިވެހި ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް އެ އެއާވޭޒް އިން ނިންމައިފި އެވެ.
ރާއްޖޭގެ ޓުއަރިޒަމް މިނިސްޓްރީއާއި ސައުތު އެފްރިކަން އެއާވޭޒް (އެސްއޭއޭ) އަދި އެއާ ޓުއާ އޮޕަރޭޓާޒް (އޭޓީއޯ)ގެ ދެމެދުގައި ވެވުނު ހާއްސަ އެއްބަސްވުމެއްގެ ދަށުން ދެކުނު އެފްރިކާއިން ރާއްޖެއަށް ކުރާ ޗާޓާ ފްލައިޓްތަކުގެ ދަތުރުތައް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް ނޫސްތަކުން ބުންޏެވެ.
އެސްއޭއޭ އިން މިގޮތަށް ނިންމާފައިވަނީ އެ އެއާލައިނުން ކުރާ ޗާޓާ ދަތުރުތަކުގެ ކާމިޔާބީއަށް ބަލާ އެއާލައިންގެ ދަތުރުތަށް ކުރިއަށްވުރެ އިތުރު ކުރުމުގެ ބޭނުމުގަ އެވެ. މި ޕެކޭޖްގެދެކުނު އެފްރިކާ ރައްޔިތުންގެ އިތުރުން ބިދޭސީންނަށް ވެސް ގަނެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މި ދަތުރުތައް ކުރެވޭނީ އެއާބަސް ގެ ފްލައިޓްތަކުގަ އެވެ. އިކޮނޮމީ އަދި ބިޒްނަސް ފެންވަރުގައިވެސް ދަތުރުތައް ކުރެވޭނެ އެވެ. އޭޓީއޯ އަދި އެސްއޭއޭ އިން ގުޅިގެން މަސައްކަތް ކުރަނީ ހޭދަކުރާ ފައިސާއަށް އެކަށީގެންވާވަރުގެ ރަނގަޅު ހޮލިޑޭ ދަތުރުތަކެއް ދެވޭތޯ އެވެ.
ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އަައްޑޫ ގަން އެއާޕޯޓަށް ދަތުރުތައް ޗާޓާ ކުރުމުން އެސްއޭއޭ އިން ކުރާ ދަތުރުތަކުގެ ވަގުތު 16 ގަޑިއިރުން އެންމެ 7 ގަޑިއިރަށް ކުޑަވެގެން ދާާނެ އެވެ.