އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން އަދި ކަނޑައަޅާފައިނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ސޯޝަލް މީޑިއާގައި އަންނަ އާދިއްތަ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ކަނޑައަޅާފައިވާ ކަމުގެ ފޭކް ހަބަރެއް ވަނީ ދައުރުވެފަ އެވެ. އަދި ބައެއް މީޑިއާތަކުގައި ވެސް އެގޮތަށް ރިޕޯޓްކޮށްފައިވެ އެވެ.
އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އަދި އެފަދަ ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ.
އަންނަ އާދިއްތަ ދުވަހާ މެދު ވަކި ގޮތެއް ނިންމާނީ ހޮނިހިރު ދުވަހުގެ ހަވީރު ކަމަށް ވެސް ހޫދު ވަނީ ވިދާޅުވެފަ އެވެ.
ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކުރިއަށްދާއިރު އިންތިހާބާ ޖެހިގެން އަންނަ ދުވަސް އާންމު ގޮތެއްގައި ސަރުކާރު ބަންދު ދުވަހު ގޮތުގައި ކަނޑައަޅަ އެވެ.