ހަބަރު

ހަތް މީހެއްގެ ނަން ވޯޓާސް ލިސްޓްގައި ހިމަނަން އަމުރު ނުނެރުނު

Apr 4, 2019

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އިންތިހާބީ ޝަކުވާގެ ގޮތުގައި ވޯޓާސް ލިސްޓްގައި ނަން ހިމެނުމަށް ހުށަހެޅި ހަތް މައްސަލާގައި އެފަދަ އަމުރެއް ނެރެވެން ނެތް ކަމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ. އެ ހަތް މީހުންނަކީ ވެސް ތިމަރަފުށީ ދާއިރާގެ ވޯޓާސް ލިސްޓްގައި ނަން ހިމެނުމަށް އެދުނު ހަތް މީހުންނެވެ.

އެ ހަތް މީހުން ވެސް ހައިކޯޓަށް އިންތިހާބީ ޝަކުވާ ހުށަހެޅީ، ތިމަރަފުއްޓަށް އެ ހަތް މީހުން ވެސް ރަށްވެހިކަން ބަދަލުކުރުމަށް ހުށަހަޅާފައިވަނިކޮށް، އެމީހުންގެ ނަންތައް އެ ދާއިރާގެ ވޯޓާސް ލިސްޓްގައި ހިމަނާފައިނެތުމުންނެވެ.

މިއަދު އެ ހަތް މީހުންގެ މައްސަލާގައި ވަކިވަކިން ހައިކޯޓުން އިއްވި ހުކުމްގައި ބުނީ ޝަކުވާ ހުށަހަޅަން ޖެހޭ މުއްދަތުގައި އެކަން އެ ހަތް މީހުން ވެސް ކޮށްފައިނުވާ ކަމަށެވެ. ޝަކުވާއަކާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ނިންމާ ނިންމުމަކާ ގުޅޭ ގޮތުން ހިތްހަމަނުޖެހޭނަމަ އެ މައްސަލައެއް ހައިކޯޓަށް ފަސް ދުވަހުގެ ތެރޭގައި ހުށަހަޅަން ގާނޫނުގައި ބުނެ އެވެ. އެ މުއްދަތުގައި މައްސަލަ ހުށަނާޅައިފިނަމަ ހައްގު ދޫކޮށްލީ ކަމަށް ބަލަން ޖެހެ އެވެ.

އެމީހުންގެ ރަށްވެހިކަން ބަދަލުކޮށްފައިވަނީ އެކަމަށް އިލެކްޝަން ކޮމިޝަނުން ދިން މުއްދަތަށްވުރެ ފަހުން ކަމަށް ވެސް ހުކުމްގައިވެ އެވެ. އަދި އެ މުއްދަތު ހަމަވި ފަހުން ރަށްވެހިކަން ބަދަލުކޮށްފިނަމަ، ވޯޓުލުމުގެ ހައްގު ގެއްލިދާނެތީ އެކަމަށް އެއްބަސްވާ ކަމަށް ބުނެ އޭގެ ތެރެއިން ބައެއް މީހުން ސޮއިކޮށްފައިވާކަން ވެސް ހުކުމްގައި ފާހަގަކުރި އެވެ.

ކޮމިޝަނުން ވޯޓާސް ލިސްޓް އެކުލަވާލަން ޖެހޭނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ޑޭޓާ ބޭސްއަށް ބަލައިގެން ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

އެހެންވެ، އެމީހުންގެ ނަން ވޯޓާސް ލިސްޓްގައި ހިމަނަން އަމުރެއް އިލެކްޝަން ކޮމިޝަންގެ މައްޗަށް ނެރެވެން ނެތް ކަމަށް ހުކުމްގައި ބުންޏެވެ.