ހަބަރު

ހައިކޯޓަށް ހުށަހެޅި އިންތިހާބީ ޝަކުވާތަކުގެ މައްސަލަތައް މާދަމާ ނިންމަން ތާވަލްކޮށްފި

މި މަހުގެ 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ގުޅިގެން ހައިކޯޓަށް ހުށަހަޅާފައިވާ އިންތިހާބީ ޝަކުވާތަކުގެ މައްސަލަތައް މާދަމާ ނިންމަން އެކޯޓުުން ތާވަލް ކޮށްފި އެވެ.

ހައިކޯޓުން ބުނީ ހުށަހަޅާފައިވާ ހަތް މައްސަލައަކީ ވެސް ވޯޓްލާ މީހުންގެ ލިސްޓްގައި ނަން ނެތިގެން ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށެވެ.

އެމައްސަލަތައް އެ ހަތް މީހުންގެ ފަރާތުންވެސް ހުށަހަޅާފައިވަނީ، ތިމަރަފުށީދާއިރާގެ ވޯޓާސްލިސްޓުގައި އެމީހުންގެ ނަން ހިމެނުމަށް އެދި އެވެ. އެގޮތަށް ހިމަނަން އެދިފައިވަނީ އެ ހަތް މީހުންގެވެސް ރަށްވެހިކަން ތިމަރަފުއްޓަށް ބަދަލުކޮށްދޭން ހުށަހަޅާފައިވަނިކޮށް، އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ލިސްޓް އާންމުކުރި އިރު އެމީހުންގެ ނަން އެ ލިސްޓުގައި ނެތުމުންނެވެ.

އެ މައްސަލަތަކުގެ ޝަރީއަތް ހައިކޯޓުން ކުރިޔަށް ގެންގޮސް ވަނީ ނިންމާލާފަ އެވެ. އެހެން ކަމުން މާދަމާ މެންދުރަށް ތާވަލްކޮށްފައިވާ އެ މައްސަލަތުގައި ހައިކޯޓުން ގޮތެއް ނިންމާނެ އެވެ. އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 65 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ މިގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް ހުށަހަޅާ މައްސަލައަކާ މެދު އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންވާނެ ކަމަށެވެ.

މަޖިލިސް އިންތިޚާބުގައި ޖުމްލަ 501 ވޯޓުފޮށި ބަހައްޓަން ނިންމާފައިވާއިރު އިންތިހާބުގައި ވޯޓުލުމުގެ ހައްގު 264442 މީހުންނަށް ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.