ރާއްޖެ ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް ތިން ވަނަ ފަހަރަށް ފަސްކޮށްފި

Jul 11, 2015

ދެކުނު އޭޝިޔާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސް ތިން ވަނަ ފަހަރަށް ފަސްކޮށް އަންނަ އަހަރު އަނެއްކާ ވެސް އިންޑިޔާގައި ބާއްވަން ނިންމައިފި އެވެ.

މި ގޮތަށް ނިންމީ ބުދަ ދުވަހު ބޭއްވި ދެކުނު އޭޝިޔާގެ އޮލިމްޕިކް އެސޯސިއޭޝަންތަކުގެ ބައްދަލުވުމުންނެވެ.

"ހުރިހާ ގައުމުތަކުން ހިތްހަމައެއްނުޖެހޭ (އަންނަ) ޑިސެމްބަރު މަހު މުބާރާތް ބާއްވަން. އެމީހުން ބޭނުންވާ ތައްޔާރުވާން އިތުރު ދުވަސްތައް. މީގެ އިތުރުން މުބާރާތް ބާއްވާ ޝިލޮންގް ޑިސެމްބަރު މަހު ވަރަސް ފިނިވާނެ. މުބާރާތް އެދުވަސްވަރު ކުޅެން އެކަށީގެންނުވެދާނެ އެތަނުގައި. މިހެންވެ ފަސްކުރީ،" އިންޑިއަން އޮލިމްޕިކް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ރަޖީވް މެހްތާ ވިދާޅުވި އެވެ.

ރާއްޖެ އާއި ބަނގްލަދޭޝް އަދި އިންޑިޔާ އާއި ސްރީލަންކާގެ އިތުރުން ނޭޕާލާއި އަފްގާނިސްތާން އަދި ބޫޓާނާއި ޕާކިސްތާން ވާދަކުރާ ގޭމްސް އެންމެ ފަހުން ބޭއްވީ 2010 ވަނަ އަހަރު ބަނގްލަދޭޝްގަ އެވެ.