ކަރާޗީ - ޕާކިސްތާނުގެ ޖަލުތަކުގައި ހައްޔަރު ކޮށްފައިތިބި އިންޑިއާގެ 360 ގައިދީން މި މަސް ތެރޭ ދޫކޮށްލާނެ ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީއިން ބުނެފި އެވެ.
ދެ ގައުމު ދެމެދުގެ ޒަމާންވީ ކޯޅުންތަށް އެންމެ ފަހުން ގޯސްވެފައިވަނީ މި އަހަރުގެ ފެބްރުއަރީ 14 ވަނަ ދުވަހު ކަޝްމީރުގައި އިންޑިއާގެ ބާރު އޮންނަ ފަޅީގައި ޕާކިސްތާނަށް ނިސްބަތްވާ ހަނގުރާމަވެރިންގެ ޖަމާއަތަކުން ދިން ޖާނުން ފިދާވުމުގެ ހަމަލައެއްގައި، އިންޑިއާގެ 40 ސިފައިން މަރާލުމުންނެވެ. އެ މައްސަލަ އިިތުރަށް ހޫނުވެގެން ދިޔައީ މިކަމާ ވިދިގެން ފެބްރުއަރީ 27 ގައި އިންޑިއާއިން ޕާކިސްތާނަށް ވައިގެ ހަމަލާތަކެއް ދީގެނެވެ.
ޖެހިގެން އައި ދުވަހު ޕާކިސްތާނުން އިންޑިއާގެ ހަންގުރާމަ މަތީ ޖެޓެއް ވައްޓާލައި އޭގެ ޕައިލަޓު ހައްޔަރުކުރި އެވެ. މި މީހާ ވަނީ ފަހުން ދޫކޮށްލާފަ އެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މުހައްމަދު ފައިސަލް ވިދާޅުބީ އެ ގައުމުގައި ހައްޔަރު ކޮށްފައި ތިބި އިންޑިއާގެ ގައިދީންގެ ތެރެއިން ހުކުމުގެ މުއްދަތުގހަމަވެފައި ތިބި 360 މީހުން ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ އާންމު ފަސް މީހަކާއި 355 މަސްވެރިންވެ. މި މީހުން ހަތަރު ފަހަރެއްގެ މަތިން މި މަސްތެރޭ ދޫކުރާނެ އެވެ.
ހުކުމްގެ މުއްދަތު ހަމަވެފައި ތިބި އެތައް ގައިދީންނެއް ތިބޭ އިރު ދެ ގައުމު ދެމެދުގައި އުފެދިފައިވާ ނުތަވަސް ކަމާއި ގުޅިގެން އެ މީހުން ދޫނުކޮށް ދެ ގައުމުގެ ޖަލުތަކުގައި ހިފަހައްޓައިގެން އަހަރުތަކެއް ވަންދެން ގެންގުޅެ އެވެ.
އިންޑިއާގެ ޖަލުތަކުގައި ޕާކިސްތާނު ގެ 347 ގައިދީން އެބަތިއްބެވެ. އޭގެތެރޭގައި 249 އާންމުން އަދި 98 މަސްވެރިން ހިމެނެ އެވެ. ޕާކިސްތާނުގެ ޖަލުތަކުގައި އިންޑިއާގެ 53 މީހުން ހައްޔަރު ކުރެވިފައި ވާއިރު އޭގެ ތެރެއިން 483 މީހުންނަކީ މަސްވެރިން ނެވެ.