ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮރަޕްޝަންގެ ތެރެއަށް ދާން ރައްޔިތުން ބޭނުން ނުވާކަން އެނގިއްޖެ: ރައީސް

ކޮރަޕްޝަނާއި ވައްކަމުގެ ތެރެއަށް ރައްޔިތުން އަލުން ދާން ބޭނުން ނުވާކަން މިއަދުގެ އިންތިހާބުން ވަރަށް ބޮޑަށް އެނގިގެން ގޮސްފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި މަޖިލިސް އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމާ ގުޅިގން އުފާ ފައުޅުކުރުމުގެ ގޮތުން ލޮނިޒިޔާރަތްކޮޅުގައި މިރޭ އެމްޑީޕީއިން ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުން އެމަނިކުފާނު ވެރިކަމުގެ މަގާމަށް އައްޔަން ކުރީ ނިމިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލްތަކާއި، ވީނުވީ ނޭގި ގެއްލިފައިވާ މީހުންނާއި މަރާލެވިފައިވާ މީހުންގެ މައްސަލަތަށް ތަހުގީގުކޮށް، އިންސާފުގާއިމްކޮށް، ރައްޔިތުންނަށް ހެޔޮ ވެރިކަން ކޮށްދެއްވުމަށް ކަމަށެވެ.

"އަޅުގަނޑުމެން އެކުލަވާލި ކޮމިޝަން އިރާދަކުރެއްވިއްޔާ މަމަޖިލީހާއެކު ފަންކްޝަން ކުރާނެ މަރާލެވިފައިވާ އަދި ގޮތް ނޭނގޭ މީހުންގެ މައްސަލަތަށް ބެލުމަށް އަޅުގަނޑު އެކުލަވާލި ކޮމިޝަން އިރާދަކުރެއްވިއްޔާ މިމަޖިލީހާއެކު އިރާދަކުރެއްވިއްޔާ އިތުރު ބާރު މިނެއްގައި ކުރިއަށްދާނެ،" ރައީސް ވިދާޅުވި އެވެ.

މަރުތަކާއި ހިޔާނާތުގެ މައްސަލަތައް ބަލާ ކޮމިޝަންތަކަށް ބާރު ދޭ ބިލު މަޖިލީހުގެ އެތަށް ފަހަރެއްގެ މަތިން ވޯޓަށް އަހަން މަސައްކަތް ކުރި އެވެ. ނަމަވެސް ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެންބަރުން ހާޒިރު ވެފައި ނުވާތީ އެކަންތައް ވަނީ ނާކާމިޔާބުވެފަ އެވެ. އޭގެ ފަހުން ބިލު ދިރާސާ ކުރި ކޮމިޓީ ރިޕޯޓުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ ބިލު އަނބުރާ ކޮމިޓީއަށް ވަނީ ފޮނުވާލައިފަ އެވެ. އޭގެ ފަހުން އެ ބިލުގެ އެއްވެސް މަސައްކަތެއް މަޖިލީހުގައި ނުކުރެ އެވެ. އެ ބިލަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެ ޕާޓީގެ ގިނަ މެންބަރުން ދެކޮޅެވެ.

ރައީސް މިރޭ ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ދިނުމުން، ރައްޔިތުން އަނބުރާ ވައްކަމާއި ކޮރަޕްޝަންގެ ތެރެއަށް ދާން ބޭނުން ނުވާކަން އެގިގެންދާ ކަމަށެވެ.

ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ބައިވެރިވި އެ އެއްވުމުގައި ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމަށް ރައްޔިތުން ގެނައީ، ކޮރަޕްޝަން މި ގައުމުން ނައްތާލަން ކަމަށެވެ. މިއަދުގެ ވޯޓުން މެމްބަރު ކަމަށް ހޮވިވަޑައިގަތް ފަރާތްތަކުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތަށް ހިންގަން ހިތުލައިގެން ބަޔަކު ތިބި ނަމަ އެ ބަޔަކު ސަރުކާރާ ފެއަށް ދިއުމަށް ވެސް ރައީސް ވަނީ ގޮވާލެއްވި އެވެ.

"މިސަރުކާރުގައި ވައްކަމަށް ޖާގައެއް ނޯންނާނެ، އެކަންކުރަން ހިތުލައިގެން ހުރި ބޭފުޅެއްވިއްޔާ ޖެހޭނީ ސަރުކާރާ ދުރަށް ޖެހިވަޑައިގަންނަވަން،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، މަޖިލިސް ތެރެއިން އެމަނިކުފާނު އުފެއްދި ދެ ރިޔާސީ ކޮމިޝަންގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުމުން، އެދެ ރިޔާސީ ކޮމިޝަނަށް ބާރު ހޯދައި ދިނުމުގެ ގޮތުން މަޖިލީހުގެ މެޖޯރިޓީ ވެރިކަން ކުރާ އެމްޑީޕީއަށް ދިނުމަކީ، ދައުލަތުގެ ފައިސާއިން ވައްކަން ކުރި މީހުންގެ ހޯދަން ކުރަމުންދާ މަސައްކަތަށް ރައްޔިތުން ދިން އެއްބާރުލުން ކަމަށެވެ. އެހެންކަމުން މިއަދު ރައްޔިތުން އެވަނީ ރައްޔިތުންގެ ވާޖިބު އަދާކޮށްފައި ކަމަށާއި، ދެން އޮތީ ސަރުކާރުން އަދާ ކުރަން ޖެހޭ ވާޖިބު ކަމަށް ރައީސް ވިދާޅުވި އެވެ.