އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ވައްޓާލުމަށް ރާވާމުންދަނީ ކުރީގެ ރައީސް އަދި އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިރޭ ޖޭޕީގެ ޖަގަހަ ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާސިމް ވިދާޅުވީ، މަޖިލިސް މެޖޯރިޓީ ނުލިބިއްޖެނަމަ އިދިކޮޅު ފަރާތަތަކުން ބަޣާވާތް ކުރާނެ ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް ހަގީގަތުގައި ރައީސް ސޯލިހުގެ ސަރުކާރު ހަލާކުކޮށް ވައްޓާލުމުގެ މަސައްކަތް ނަޝީދު ނުކޮށް ނުހުންނާނެ ކަމަށެވެ.
"މިހާރު މިސަރުކާރުވެސް ހަލާކުކޮށްލުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައްޓާލުމަށް ހުރިހާ ރޭވުމެއްގެ އަޑީގައި ރަނގަޅަށް ވިއްޔާ ހުންނަވަނީ އޭނާ [ނަޝީދު] އަޅުގަނޑުމެން އަދި ކަމެއް ކުރަން އުޅޭކަން އެގިވަޑައިގަނެއް ނޫން، ހަމަ ގައިމުވެސް ނުކޮށެއް ނުހުންނާނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް މިހެން ވިދާޅުވިއިރު މިއަދުގެ ވަގުތެއްގައި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގައި ބަޣާވާތް ކުރަން ފަރިތަ ބޭފުޅުންތަކެއް އުޅޭ ކަމަށެވެ. ގާސިމް، ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރާއްޖޭގައި އެއްވެސް އިރެއްގައި ބަޣާވާތެއް ކޮށްފައިވާ ނުވާ ކަމަށެވެ. ގާސިމް ވިދާޅުވީ، ނަޝީދަށް ވެރިކަން ކުރަން ނޭނގުމުން އެކަމުން ސަލާމަތްވުމުގެ ގޮތުން ކަންތައްތަކެއް ރޭވީ ކަމަށެވެ.
މީގެ އިތުރުން ގާސީމް ވިދާޅުވީ، ނަޝީދު، ރައީސް ސޯލިހުގެ ވެރިކަން ނިމެންދަން ފަސް އަހަރު ވަންދެން ކެތް ނުކުރެވޭނެ އޭނާގެ ގާތު ވިދާޅުވި ކަމަށެވެ. އަދި ޔޫރަޕަށް ކުރި ފޯނު ކޯލެއްގެ ވާހަކަވެސް އޭނާގެ ގާތުގައި ދެއްކެވި ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ، ނަޝީދު އެވާހަކަތަށް ދެއްކެވުމުން، އޭނާ އެގޮތަށް ކަންތަށް ނުކުރުމަށް ނަޝީދު އަރިހުން އެދުނު ކަމަށާއި ނަޝީދު ބޭނުންވަނީ ރައީސްކަން ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ރާއްޖޭގެ ބޮޑު ވަޒީރަށް ވާން ކަމަށެވެ.
"އޭނަ [ނަޝީދު] ޕްރައިމް މިނިސްޓަރަކަށް ރީތިކޮށް ސާފުކޮށް އަޅުގަނޑުމެން ކައިރީގައި ބުނުއްވަން ވެސް ބުނި، ތިމަންނާއަކަށް ފަސް އަހަރު ވަންދެން ނުހުރެވޭނޭ، އަޅުގަނޑު ކައިރީގައި ބުނި ޔޫރަޕް ފޯނު ކޮށްގެން ދެއްކެވި ފޯނު ކޯލެއްގެ ވާހަކަ އަޅުގަނޑު ބުނިން ތިހެން ނުހައްދަވާށޭ ކަމަކު ނުދާނޭ، އެއްގޮތަކަށްވެސް އެކަން ގަބޫލުކުރާ ގޮތެއް ނުވި،" ގާސިމް ވިދާޅުވި އެވެ.
"ކާކުތޯ ބައާވާތް ކުރަން އުޅެނީ އޭނާ [ނަޝީދު] އަމިއްލަޔަށް ބައާވާތް ކުރަނީ ދެންވެސް ކުރާނީ އޭނަ ރާވާނީވެސް އޭނަ [ނަޝީދު]،" ގާސިމް ވިދާޅުވި އެވެ.