ހަބަރު

އިންތިހާބު އިންސާފުވެރިކަމަށް ޖަޕާނުގެ އޮބްޒާވަރުންގެ ޓީމުން ބުނެފި

Apr 7, 2019

އިއްޔެ ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އެންމެހާ ކަންކަން ގޮސްފައިވަނީ ވަރަށް ދެފުށް ފެންނަ އިންސާފުވެރިކޮށްކަމަށް، އިންތިހާބު އޮބްޒާވުކުރުމަށް ހަރަކާތްތެރިވި ޖަޕާނު ސަރުކާރުގެ ވަފްދުން ބުނެފި އެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުގެ ޕާލިމަންޓަރީ ވައިސް ފޮރިން މިނިސްޓަރު ނޮރިކާޒޫ ސުޒުކީ އިސްކޮށް ހުންނަވައިގެން އަށް މެމްބަރުންގެ ވަފްދެއް އިންތިހާބަށް ގާއިމުކޮށްފައިވާ ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

"އިންތިހާބުގެ ހުރިހާ ކަމެއް ދިޔައީ ވަރަށް އިންސާފުވެރިކަމާއި، ހަމަހަމަކަމާއި ދެފުށް ފެންނަ ސުލްހަވެރި މާހައުލެއްގައި ކަމަށް އޮބްޒާވަރުންގެ ޓީމަށް ވަނީ ފާހަގަވެފައި،" އެ ބަޔާނުގައިވެ އެވެ.

އަދި މި އިންތިހާބާއެކު ރާއްޖޭގައި ޑިމޮކްރަސީ ގާއިމުކޮށްފައި ބެހެއްޓުމަށް އިތުރު ބާރަކަށް ވެގެންދާއިރު އެކަމަށް ޖަޕާނު ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމުގެ ޔަގީކަންވެސް އެ ބަޔާނުގައި އިތުރަށް ދީފައިވެ އެވެ.

ޖަޕާނުގެ އިތުރުން އިއްޔެގެ އިންތިހާބު އޮބްޒާވްކުރުމަށް ކޮމަންވެލްތުގެ ވަފްދެއްވެސް ވަނީ ހަރަކާތްތެރިވެފަ އެވެ. އެގޮތުން މިފަހަރުގެ މަޖިލިސް އިންތިހާބުގައި 30 އަށް ވުރެ ގިނަ ބޭރުގެ އޮބްޒާވަރުން ހަރަކާތްތެރިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މައުލޫމާތުދީފަ އެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އިއްޔެގެ އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީއަށް ވަނީ ތާރީހީ އަގުލަބިއްޔަތެއް ލިބިފަ އެވެ. މިރޭގެ ވަގުތެއްގައި ވަގުތީ ނަތީޖާ އިއުލާނުކުރާނެކަމަށް އިލެކްޝަންސްއިން ބުނެފައިވާއިރު، އެމްޑީޕީއިން 65 އަށް ވުރެ ގިނަ ގޮނޑި ނަގާނެކަމަށް ބެލެވެ އެވެ.