ހަބަރު

އެމްޑީޕީން ހޯދި ކާމިޔާބަށް މޯދީ ތަހުނިޔާ ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ އެމްޑީޕީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބީ އާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

މޯދީ ރައީސް ސޯލިހަށް ތަހުނިޔާ ވިދާޅުވީ މިއަދު ހެނދުނު ފޯނުން ގުޅުއްވައިގެނެވެ. ރައީސް ސޯލިހުއަށް ގުޅުއްވައި މޯދީ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މަޖިލިސް އިންތިހާބުގެ ނަތީޖާއިން ފެނިގެން ދިޔައީ ދިވެހި ރައްޔިތުން މިހާރުގެ ސަރުކާރު ބަލައިގެންފައިވާ މިންވަރު ކަމަށެވެ. ރާއްޖެއަކީ އިންޑިއާ އާއި ވަރަށް ގާތް ގައުމެއްކަން ފާހަގަކުރައްވައި އަބަދުވެސް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް މޯދީ ދެއްވި އެވެ.

ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، މޯދީ ގުޅުއްވައި، ހެޔޮ އެދިވަޑައިގަތުމުގެ ޝުއޫރުތައް ފާޅުކުރެއްވީތީ، ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވެ، މޯދީއަށް ވަނީ ޝުކުރު އަދާކުރައްވި އެވެ. އަދި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެމަނިކުފާނުގެ ޒައާމަތުގައި ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނެކަމަށާއި އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ރަނގަޅު ރަހުމަތްތެރިއެއް ކަމުގައި ވަނީ ފާހަގަކުރެއްވި އެވެ.