ހަބަރު

އަމާން އިންތިހާބެއް ބޭއްވުމުން އީޔޫގެ ތައުރީފު

Apr 8, 2019
1

ޑިމޮކްރަސީގެ ހަމަތަކުގެ މަތިން، އަމާންކަމާއި އޮމާންކަމާއެކު ހޮނިހިރު ދުވަހުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމުން، އެކަމުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ތައުރީފުކޮށްފި އެވެ.

ފްރާންސް، ޖަރުމަނު، އިޓަލީ، ނެދާލަންޑްސް އަދި ރޮމޭނިއާގެ އިތުރުން އިނގިރޭސި ވިލާތް ހިމެނޭގޮތަށް އީޔޫން ނެރުނު ބަޔާނެއްގައި އިންސާފުވެރި އަދި އަމާން އިންތިހާބެއް ކަށަވަރުކުރުމުގައި އިލެކްޝަންސް ކޮމިޝަނުގެ ދައުރު ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން، އިންތިހާބު ނިންމުމަށްފަހު ސަރުކާރުންވެފައިވާ ވައުދުތައް ފުއްދުމަށް އެންމެހާ ފަރާތްތަކުން މަސައްކަތްކުރާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިކަން އީޔޫން ވަނީ ފާހަގަކޮށްފަ އެވެ.

"...ދިވެހިރާއްޖޭގެ ގާތް އެކުވެރިއެއްގެ ހައިސިއްޔަތުން، ކުރިއަށްއޮތް ތާނގައިވެސް ރާއްޖޭގެ އިސްލާހީ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނަން،" އެ ބަޔާނުގައި އީޔޫން ވަނީ ޔަގީންކަންދީފަ އެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން އިއްޔެގެ އިންތިހާބުގައި ވެރިކަންކުރާ އެމްޑީޕީއަށް ވަނީ ތާރީހީ އަގުލަބިއްޔަތެއް ލިބިފަ އެވެ. މިރޭގެ ވަގުތެއްގައި ވަގުތީ ނަތީޖާ އިއުލާނުކުރާނެކަމަށް އިލެކްޝަންސްއިން ބުނެފައިވާއިރު، އެމްޑީޕީއިން 60 އަށް ވުރެ ގިނަ ގޮނޑި ނަގާނެކަމަށް ބެލެވެ އެވެ.