ހަބަރު

އިތުރު ފާހަގައެއް ޖަހައިފިނަމަ ވޯޓު ބާތިލުވާ ބިލް ތަސްދީގުކުރައްވައިފި

ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިފި ނަމަ ވޯޓު ބާތިލުވާ ގޮތަށް ރައްޔިތުން މަޖިލީހުން ފާސްކުރި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ޕީޕީއެމްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އިސްލާހު ދިރާސާ ކުރެއްވި ފަސް މެންބަރުންގެ ވަގުތީ ކޮމިޓީ އިން ވަނީ އެ ހުށަހެޅި ގޮތަށް ތަޅުމަށް ފޮނުވައިފަ އެވެ. އަދި ބިލު ފާސްކޮށްފައިވަނީ 53 މެންބަރުންގެ އިއްތިފާގުންނެވެ. އެބިލް ފާސްކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ނުވަތަ ކުރެހުމެއް ޖެހިޔަސް ވޯޓު ބާތިލުވާނެ ކަމަކަށް އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް ޝާހިދު ހުށަހެޅުއްވި އިސްލާހުގައި ވޯޓު ބާތިލުވާ ކަންކަމުގެ ތެރޭގައި ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެނޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން އިތުރު އެހެން ފާހަގައެއް ނުވަތަ ލިޔުމެއް ނުވަތަ ކުރެހުމެއް ކުރަހާފައިވުން ވަނީ ހިމަނާފަ އެވެ.

ނަމަވެސް ވޯޓު ކަރުދާހުގައި ފާހަގަ އެއް އިތުރު ފާހަގައެއް ޖެހުމުން ބާތިލު ނުވާ ގޮތަށް ވެސް ހެދީ ޕީޕީއެމް އިންނެވެ. އެއީ ރިޔާސީ އިންތިހާބާ ދިމާކޮށް އެ ޕާޓީ އިން ގެނައި އިސްލާހެކެވެ. އެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ގިނަ މެންބަރުން ވަނީ އެކަން ފާހަގަކޮށް ބިލަށް ފާޑު ކިޔައިފަ އެވެ.

ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިގެން ވޯޓު ބާތިލުވާ ބިލު ތަސްދީގުކޮށްފި ނަމަ ގިނަ ދަތިތަކާ ކުރިމަތިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ވަނީ ބުނެފަ އެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް"އާ ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިގެން ބާތިލުވާ ގޮތަށް ހެދުމަކީ ރަނގަޅު އިސްލާހެއް ކަމަަށާއި ނަމަވެސް އިންތިހާބާ މިހާ ގާތްވެފައި ވަނިކޮށް އެފަދަ ބަދަލެއް ގެނައުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. އީސީގެ އޮފިޝަލުންގެ ޓްރެއިނިންތައް ނިމިފައިވާ އިރު އެ ފަރާތްތައް ޓްރެއިންކޮށްފައި ވަނީ ކުރިން ގާނޫނުގައި އޮތް ގޮތަށް ކަމަށާއި އަލުން އެ ފަރާތްތައް ވެސް ތަމްރީން ކުރަން ޖެހޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި އެ ބަދަލުގެ ސަބަބުން ގިނަ ވޯޓުތަކެއް ބާތިލުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.