ރާއްޖެ ކުޅިވަރު

ގަލޮޅު ދަނޑުގައި ވިދާލި "ނޭމާ" ފެއިލްވީތަ؟

Jul 12, 2015
1

އޭވައިއެލް އަށް 2013 ވަނަ އަހަރު ކުޅުނު ބްރެޒިލްގެ އެޓޭކިން މިޑްފީލްޑަރު އެވަޓަން ސުއާޒޯ ސަންޓޯސް ނުވަތަ އޭނާ އަމިއްލަ ބަހުރުވައިނަމަ "ނޭމާ" އަކީ ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވި ކުޅުންތެރިއެކެވެ. ހާއްސަކޮށް އޭވައިއެލްގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ދިވެހި އެހެން ކުލަބުތަކުން ވެސް އޭނާ އަށް ޝައުގުވެރިވި އެވެ. ނަމަވެސް އޭގެ ދެ އަހަރު ފަހުން އޭނާ ވެފައިމި ވަނީ ބޮޑު ފްލޮޕަކަށެވެ. މިވީ ކިހިނެތެ ހެއްޔެވެ؟

އޭވައިއެލް އަށް ކުޅުމަށްފަހު ސަންޓޯސް މި އަހަރު އެންމެ ފުރަތަމަ އައީ ނިއު އަށެވެ. ނަމަވެސް ޕީޕަލްސް ކަޕުގައި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ނުފެނުމުން ނިއުއިން އޭނާ ދޫކޮށްލީ އެވެ. އަދި އެ މުބާރާތުގައި ފީކަޅާ ހެދުމުގެ ސަބަބުން އޭނާ އަށް މެލޭޝިޔާގެ ޕީޑީއާރުއެމް އިން ލިބިފައި އޮތް އޮފާ ވެސް ކެންސަލްވީ އެވެ.

އޭގެ ފަހުން ކުޅޭނެ ކުލަބެއް ހޯދުމަށް އޭނާ ދިވެހި ކުލަބުތަކުގެ ކިބައިން "އާދޭސްކުރަމުން ކަހަލަ ގޮތަކަށް" ދުވަސްކޮޅަކު އުޅުނެވެ. އެންމެ ފަހުން މިދިޔަ މަހު އޭނާ އަށް ފުރުސަތު ލިބުނީ މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ޓީސީ ސްޕޯޓްސް ކުލަބުންނެވެ. ނަމަވެސް އެންމެ ތިން މެޗަށް ފަހު އެކުލަބުން ވެސް ވަނީ އޭނާ ދޫކޮށްލައިފަ އެވެ.

ޓީސީން ބުނީ އޭނާ ދޫކޮށްލީ އަހުލާގީ މައްސަލަތަކާ ހެދި ކަމަށެވެ. އެ ކުލަބުން މިހެން ބުނިއިރު އެ ޓީމު އެންމެ ފަހުން ކުޅުނު ވިކްޓަރީ މެޗުގައި އޭނާ އާއި އޭނާގެ ރަހުމަތްތެރި ބްރެޒިލް ފޯވަޑް ފުރަތަމަ ހާފަށް ފަހު ބަދަލުކުރި އެވެ. އަދި އޭގެ ކުރިން ކުޅުނު ދެ މެޗުގައި ވެސް މެޗުގެ މުހިންމު ވަގުތުތަކެއް ކުރިއަށް އޮއްވައި ނޭމާ ބަދަލުކޮށްފައިވެ އެވެ. އަދި އޭނާއާ ނުލައި ޓީސީން ނަތީޖާ ނެރެފައިވެ އެވެ. މިހެންވެ ވިކްޓަރީ މެޗަށް ފަހު ސަންޓޯސްގެ އަހުލާގާ ބެހޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ދެ ވާހަކަ އެކެވެ. ފުރަތަމަ ވާހަކަ އަކީ ކުޅުންތެރިޔާގެ އުޅުމުގައި މައްސަލައެއްނެތް ކަމަށާއި އޭނާ ބަދަލުކުރީ މެޗުގެ ކުރިން ވެސް އެގޮތަށް ވިސްނާފައިވާތީ ކަމަށެވެ.

ދެ ވަނަ ވާހަކައަކީ ޓީމުގެ ތެރޭގައި ހުރި މައްސަލަތައް ނޫސްތަކުގެ ފަލަސުރުހީ އަށް އަރުވަން ބޭނުންނުވާ ވާހަކަ އެވެ. ނިޒާމްބެގެ މި ދެ ވާހަކަ އަށް ބަލާއިރު ސަންޓޯސްއާ މެދު ހިތްހަމަނުޖެހުން ހުރިކަން ދޭހަވި އެވެ. އެއީ އެ މެޗު ތެރޭގައި އޭނާ ކުޅުންތެރިންނާއި ޒުވާބު ކުރުމާއި މެޗަށް ފަހު މަގުމަތީގައި ވެސް ޒާތަކަށް ގޮތްކުޑަކޮށް އުޅުމުންނެވެ.

ސަންޓޯސް ދަންނަ ކޯޗަކު ބުނީ އޭނާ އަކީ ކުލަބަށްވުރެ ބޮޑު އަދި ބޮޑާ ކުޅުންތެރިއެއް ކަމަށެވެ.

"އޭވައިއެލް އަށް ކުޅުނުއިރު ވެސް ކޯޗު ބުންޏަސް އޭނާ ބޭނުންގޮތެއް ހަދާނީ. އެކަމަކު އޭވައިއެލް އަކީ ކުޑަ ކުލަބެއްވީމަ (ދަނޑުމަތީގައި) ބަހައްޓަނީ. އެއީ ދެން އޭނާގެ ފަރާތުން ޓީމު މޮޅުވެސްވާތީވެ. އެކަމަކު ނިއު ރޭޑިއަންޓް ކަހަލަ ކުލަބެއްގައި އެހެން ނުވާނެތާ. ކޯޗު ބުނާގޮތް ކުޅުންތެރިޔާ ހަދަންޖެހޭނީ. އެހެންނުވީމަ އޭނާ ނިއުއިން ދޫކޮށްލީ. ދެން ޓީސީން ވެސް އެގެނައީ ރަނގަޅު ބަދަލެއް،" ކުރިން ފުރަތަމަ ޑިވިޝަނުގައި މޮޅަށް ކުޅުންތެރިއެއްގެ ގޮތުން ފާހަގަ ކުރެވުނު ކޯޗު ބުންޏެވެ.

އެއީ ތެދެކެވެ. އޭވައިއެލް އަށް ސަންޓޯސް ކުޅުނުއިރު އެއިރު އެ ޓީމުގެ ކޯޗަކަށްހުރި މުހައްމަދު އާތިފް (އާތީ)ގެ އިރުޝާދަށް އޭނާ ގިނަ ފަހަރު ފަރުވާލެއް ނުބަހައްޓާތަން ފެނިފައިވެ އެވެ. އަދި ޓީމަށްވުރެ ބޮޑަށް އަމިއްލަ އަމިއްލަ އަށް ބޯޅައާއެކު އުޅެން އޭނާ މަސައްކަތްކުރެ އެވެ. ނަމަވެސް ނިއު އާއި ޓީސީގައި އެންމެ ހަތަރު މެޗު އޭނާ އަށް ފުރިހަމަ ނުކުރެވުމުން ދެން އޭނާ އަށް ދިވެހި ޓީމަކުން ފުރުސަތު ލިބުން ވަރަށް ދުރުކަމެއް ކަމަށް ބެލެވެ އެވެ.

"އަސްލު އޭނާ އޭވައިއެލްގައި މޮޅަށް ކުޅުނީމަ އަނެއް އަހަރު ގެންނަން ކުލަބުތަކުން ބޭނުންވި. އެކަމަކު މުސާރަ ބޮޑުވުމާއެކު ބުނާގޮތްވެސް ނުހަދާތީވެ ނުގެނައީ. ދެން މި އަހަރު ދެ ކުލަބަކަށް ކުޅެފި. އެއްވެސް ބަޔަކު ބަލައެއްނުގަތް. އެހެންވީމަ ދެން ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުން އޭނާ އަށް ފުރުސަތު ލިބޭނީ ލައްކަ ގިންކަންތައްތައް ރަނގަޅުކޮށްގެން. ޓީމަށްވުރެ ކުޅުންތެރިޔާ ބޮޑެއްނުވާނެކަން މިއިން އެނގެނީ،" ފުރަތަމަ ޑިވިޝަނުގެ ބޮޑު ކުލަބެއްގެ މެނޭޖަރަކު ބުންޏެވެ.