ހަބަރު

ފެލިދުއަށް ގެންދިޔަ ސަބްމެރިން އެއްގައި ހުރީ ޑްރަގްސް

ސަބްމެރިންއެއްގެ ތެރެއަށް މަސްތުވާތަކެތި ލައިގެން ވ.ފެލިދޫ އަށް އެތެރެކުރަނިކޮށް އަތުލައިގެންފި އެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ފުލުހުން އިއްޔެ ހައްޔަރު ކުރީ ވ. ފެލިދޫ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހެކެވެ.

މާލެއިން ފުރައިގެން ފެލިދުއަށް ދަތުރުކުރަމުންދާ ފެރީ ލޯންޗަކުން މީހަކު ފެލިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވި އެވެ.

އިއްޔެ 17:20 ހާއިރު ހިންގި މި އޮޕަރޭޝަނުގައި، ފެލިދޫ ބަނދަރު ސަރަޙައްދުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މިމީހާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި އޮތް ސަބްމެރިންއެއްގެ ތެރެއިން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.

މި ތަކެތި ގެންދިއުމަށް ސަބްމެރިންގެ މަސްގަނޑު ތެރެއަށް މަސްތުވާތަކެތި ލާފައިވަނީ ފިލްމު ހުސްކުރި ދަޅެއް ތެރެއަށް ލުމަށްފަހު އެވެ.

މި މައްސަލަ ފެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.