ރާއްޖެ ކުޅިވަރު

ނީލާ އާއި އައިންތު މެލޭޝިޔާ އަށް

Jul 12, 2015

ފުރަތަމަ ފަހަރަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރަންމެޑަލް ހޯދުމަށް އަމާޒުހިފާފައިވާ ގައުމީ އަންހެން ބެޑްމިންޓަން ޓީމުގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ނީޖާ ނަޖީބާއި އާމިނަތު އަހުމަދު ދީދީ މެލޭޝިޔާގައި ތިބި ޓީމުގެ ކުޅުންތެރިންނާ ގުޅިއްޖެ އެވެ.

މި ދެ ކުޅުންތެރިން ޓީމާ ގުޅުމުން މުބާރާތުގައި ވާދަކުރާ ގައުމީ އަންހެން އަދި ފިރިހެން ބެޑްމިންޓަން ޓީމުގެ ހުރިހާ ކުޅުންތެރިން މިހާރު މެލޭޝިޔާގައި ކޭމްޕްކޮށް ނިމުނީ އެވެ.

އަންނަ މަހު އެއްވަނަ ދުވަހު ރިޔޫނިއަންގައި ފަށާ މުބާރާތަށް ބެޑްމިންޓަން ޓީމު މެލޭޝިޔާގައި ކޭމްޕްކުރީ މުބާރާތަށް އިތުރު ތަމްރީނުތައް ހޯދުމަށެވެ. މިވަގުތު މެލޭޝިޔާގައި ތިބި އެހެން ކުޅުންތެރިންނަކީ މުހައްމަދު އަޖުފާން އާއި ނަޝީދު ޝަރަފުއްދީން އާއި ހަސަން އަފްޝީން އަދި މުހައްމަދު ސާރިމް އާއި ހުސައިން ޒަޔާން އަދި މުހައްމަދު ނަފްޝާން އެވެ. އަންހެން ކުޅުންތެރިންނަކީ މައިސާ ފަތުހުﷲ އާއި އައިޝަތު އަފްނާން ރަޝީދާއި އާމިނަތު ޝަހުރުނާޒް މޫސާގެ އިތުރުން ނީލާ އާއި އައިންތު އެވެ.

މި ކުޅުންތެރިންނަށް އިރުޝާދުދެނީ މެލޭޝިޔާގެ ކޯޗެއް ކަމަށްވާ ޖިވަނަންތަންނަޔާ އެވެ. ޓީމާއެކު ގައުމީ ކޯޗެއްގެ ގޮތުން މުބާރާތަށްދާނީ ވެސް އޭނާ އެވެ.

ބެޑްމިންޓަނަކީ މި މުބާރާތުގައި ރާއްޖެއިން އެންމެ ފުރަތަމަ މެޑަލް ހޯދި ކުޅިވަރެވެ. އެއީ 1979 ވަނަ އަހަރުގެ މުބާރާތުގަ ހޯދި ބްރޯންޒް މެޑަލް އެވެ. އެ ފަހަރާއެކު މިހާތަނަށް ވަނީ ހަތަރު ފަހަރު ސިލްވާ، އަދި ފަސް ފަހަރު ބްރޯންޒް މެޑްލް ހޯދައިފަ އެވެ.