ދުނިޔެ

ނަތަންޔާހޫ އަނެއްކާވެސް އިޒްރޭލުގެ ބޮޑުވަޒީރުކަމާ ގާތަށް

Apr 10, 2019

ޓެލް އަވީވް (އޭޕްރީލް 10) - އިޒްރޭލުގެ ޕާލަމަންޓް އިންތިހާބުގައި ވެރިކަންކުރާ ޕާޓީން އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައިވާ ކަމަށް މިހާރުގެ ނަތީޖާތައް ދެއްކުމުން، ބެންޖަމިން ނަތަންޔާހޫ އަނެއްކާ ވެސް އެ ގައުމުގެ ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

ވާދަވެރިކޮށް ދިޔަ އިންތިހާބަކަށްފަހު، ނަތަންޔާހޫގެ އިތުރުން އޭނާއާ އެންމެ ގާތުން ވާދަކުރި ބެނީ ގަންޓަޒް ވެސް ވަނީ އިންތިހާބު ކާމިޔާބުވެއްޖެ ކަމަށް އިއުލާނު ކުރައްވާފަ އެވެ.

ނަމަވެސް، މިހާތަނަށް 80 ޕަސަންޓް ވޯޓު ގުނާފައިވާއިރު، އިޒްރޭލުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ނަތަންޔާހޫގެ ޕާޓީއިން ވަނީ 38 ގޮނޑި ކާމިޔާބުކޮށްފަ އެވެ. ގަންޓްޒްގެ ޕާޓީއަށް ލިިބިފައިވަނީ 36 ގޮނޑި އެވެ.

އެކި ފަހަރު މަތިން އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓު ބަދަލަވަމުން އައި ނަމަވެސް، ނަތަންޔާހޫ މިހާރު ވަނީ ކާމިޔާބީ އިއުލާނު ކުރައްވައި، ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

މިއަދުގެ ވަގުތެއްގައި ރަސްމީ ނަތީޖާ އިއުލާނު ކުރާނެ ކަމަށް ބެލެވޭއިރު، ބޮޑުވަޒީރުގެ މަގާމަށް ފަސް ވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ، ނަތަންޔާހޫ ވެގެންދާނީ އިޒްރޭލުގެ ތާރީހުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުގެ މަގާމު ފުރުއްވި ބޭފުޅާ އަށެވެ.

އިޒްރޭލު ޕާލަމަންޓަށް 120 މެމްބަރުން އިންތިހާބު ކުރާއިރު، މެޖޯރިޓީ ނުލިބުމުން މިފަހަރު ވެސް އިއްތިހާދު ސަރުކާރެއް އުފައްދަން ނަތަންޔާހޫއަށް މަޖުބޫރުވާނެ އެވެ. އިޒްރޭލުގެ ތާރީހުގައި ވެސް އެއް ޕާޓީއަކުން ޕާލަމަންޓުގެ މެޖޯރިޓީ ހޯދިފައެއް ނުވެ އެވެ.

ނަމަވެސް، އިންތިހާބުގެ ބާކީ ހުރި ގޮނޑިތައް ކާމިޔާބުކުރި ކުދި ޕާޓީތަކާއެކު ގާތްގުޅުމެއް އޮންނަ ނަތަންޔާހޫއަށް އިއްތިހާދެއްގެ ދަށުން 50 ވަރަކަށް ގޮނޑި ކަށަވަރު ކުރެވޭނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެ އެވެ.