އަލިފާން

ރޭ މެންދަމު ގެއެއްގައި ރޯވެ ގެއްލުންތަކެއް ވެއްޖެ

މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތައް ވެއްޖެ އެވެ. ރޭ ދަންވަރު ހިނގި އަލިފާނުގެ އެ ހާދިސާގައި ގެއްލުމެއް ނުވަނީސް އެ ގޭގައި ތިބި މީހުން ވަނީ ސަލާމަތްކޮށްފަ އެވެ.

ރޭ މެންދަމު 3:45 ގައި އަލިފާން ރޯވީ ގ. ރެޑްޕާލްގަ އެވެ. އެމްްއެެންޑީއެފުން ބުނީ ރޭ އަލިފާން ރޯވެފައިވަނީ އެ ގޭގެ ދެވަނަ ފަންގިފިލާއަށް އަރަން ހުންނަ ލަކުޑިން ހަދާފައިވާ ސިޑިއެއްގައި ކަމަށާއި އެ ގޭގައި ރޯވި އަލިފާން އެއްކޮށް ނިއްވާލީ ފަތިހު 4:30 ގައި ކަމަށެވެ.

ރެޑްޕާލްގައި ރޯވުމާއެކު އެ ވަގުތުން ފެށިގެން ވަނީ ގޭގައި އެވަގުތު ތިބި މީހުން ބޭރަށް ނެރެފަ އެވެ. އެ މަސައްކަތް ކުރީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސާޗް އެންޑް ރެސްކިއު ޓީމުންނެވެ. އެ ގޭގައި ހަތް މީހަކު ތިބި ކަމަށް ވެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓުން ބުނި ގޮތުގައި ރޭގެ އަލިފާނާ ގުޅިގެން ދުމުގެ އަސަރު ކުރުމުގެ ސަބަބުން ހަތް މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށެވެ.

ރޭގެ އަލިފާނުގައި ރެޑްޕާލް އަށް އެކިވަރުގެ ގެއްލުންތައް ލިބިފައި ވެއެވެ. އަލިފާނުގެ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ގެންދަނީ ބަލައި ތަހުގީގު ކުރަމުންނެވެ.