އަލިފާން

ރޯވިގޭގައި އުޅުނު 10 މީހަކަށް ވަގުތީހިޔާ ހަމަޖައްސައިދީފި

Apr 10, 2019

ރޭ އަލިފާން ރޯވެ ގެއްލުން ލިބުނު ގ. ރެޑްޕާލްގެ ތިން ފަންގިފިލައެއް ދިރި ނޫޅެވޭ ވަރަށް އަނދައި ގެއްލުންވެފައިވާތީ އެ ބައިތަކުގައި ދިރިއުޅުނު އުޅުނު 10 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ސަރުކާރުން ހަމަޖައްސައިދީފި އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ބުނީ ރެޑްޕާލްގެ އަލިފާނުގައި ރޭ ގެއްލުން ލިބުނު ފަންގިފިލާތަކުގައި ދިރިއުޅެމުން ދިއަ 10 ފަރާތަކަށް ވަގުތީ ބޯހިޔާވަހި ކަމާއި ކެއުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރޭ ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ހަތް މީހުން ވެސް ހިމެނޭ ކަމަށެވެ.

އައީޖީއެމްއެޗްގެ އިމަޖެންސީގައި ފަރުވާ ދިން އެ މީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

އެހީ ހަމަޖައްސައިދީފައި ވަނީ ފަސް އަންހެނުންނަށައި ހަތަރު ފިރިހެނުން ނަށާއި 18 އަހަރުން ދަށުގެ ފިރިހެނެ ކުއްޖަކަށެވެ.

ރެޑްޕާލްގައި ރޭ މެންދަމު 3:45 އެހާކަންހާއިރު ރޯވުމުން އަލިފާން ނިއްވާލީ ސިފައިންނެވެ. އަލިފާން ނިއްވާލެވުނީ ފަތިހު 4:30 ގައެވެ.

ރެޑްޕާލްގައި އަލިފާން ރޯވުމުގެ ސަބަބުން އެ ގޭގެ ތިން ފަންގިފިލައެއް ދިރި ނޫޅެވޭ ވަރަށް ވަނީ އަނދާފަ އެވެ.