ހަބަރު

މާމިގިލި، މާވަށު އަދި މަޑުއްވަރީގެ ވޯޓުތަކެއް އަލުން ގުނަނީ

މާމިގިލީ ދާއިރާ އާއި މާވަށު ދާއިރާ އަދި މަޑުއްވަރީ ދާއިރާގެ ބައެއް ވޯޓު ފޮށިތައް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން މާމިގިލީ ދާއިރާގެ އެއް ފޮއްޓާއި މަޑުއްވަރީ ދާއިރާގެ ހަތަރު ފޮއްޓާއި އަދި މާވަށު ދާއިރާގެ 69 ފޮއްޓެއްގެ ސެކިއުރިޓީ އުރަ ތިނެއް ކަނޑައި އަލުން ގުނަން ނިންމާފައިވާ ކަމަށެވެ.

އީސީ އިން ކުރި ޓްވީޓު

މާމިގިލީ ދާއިރާއަށް އިންތިހާބުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް ގާސިމް އިބްރާހިމެވެ. އެ ދާއިރާގެ ގިނަ ވޯޓުތަކެއް ބާތިލުވުމުން ކުރިން ވެސް ވޯޓުތައް އަލުން ގުނައިފަ އެވެ. އަދި ގުނާ ނިމުނު އިރު ގާސިމްއަށް ލިބުނު ވޯޓު އިތުރުވި އެވެ.

ހަމަ އެފަދައިން ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިންތިހާބުވި މާވަށު ދާއިރާގެ ބައެއް ވޯޓު ފޮށިތައް ވެސް އިއްޔެ ވަނީ އަލުން ގުނައިފަ އެވެ. އޭގެ އިތުރުން މިއަދު ނިންމި މަޑުއްވަރީ ދާއިރާއަށް އިންތިހާބުވެފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.