ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ދެ މިނިސްޓަރަކަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކަށަވަރުވެއްޖެ އެވެ.
މިއަދު މުޅި ރާއްޖޭގައި ކުރިއަށް ދިޔަ އިންތިހާބުގައި ރައީސް ޔާމީންގެ ހަތް މިނިސްޓަރަކު ވާދަ ކުރެއްވި އެވެ. އޭގެ ތެރެއިން ރައީސް ޔާމީންގެ ތާއިދާއެކު ޕީޕީއެމް ޓިކެޓްގައި ވާދަ ކުރެއްވީ ހިންނަވަރު ދާއިރާއަށް އަބްދުﷲ ނާޒިމާއި މާވަށު ދާއިރާއަށް މުހައްމަދު ސައީދެވެ. ޕީއެންސީގެ ޓިކެޓްގައި މަޑުއްވަރީ ދާއިރާއަށް އާދަމް ޝަރީފް ވެސް ވާދަ ކުރެއްވި އެވެ.
ހެންވޭރު އުތުރު ދާއިރާއަށް ރައީސް ޔާމީންގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި ހުޅުމާލެ ދާއިރާއަށް ރައީސް ޔާމީންގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވާދަ ކުރެއްވީ އަމިއްލަ ގޮތުންނެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ރައީސް ޔާމީންގެ ސްޕޯޓްސް މިނިސްޓަރު އިރުތިޝާމް އާދަމް ހެންވޭރު ދެކުނު ދާއިރާއަށް ވާދަ ކުރެއްވިއިރު ޑިފެންސް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ނާޒިމް ދަނގެތި ދާއިރާއަށް ވާދަ ކުރެއްވި އެވެ.
އޭގެ ތެރެއިން ކާމިޔާބު ލިބުނީ ދެ ބޭފުޅަކަށެވެ. އެއީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށެވެ.
ބާކީ ތިއްބެވި ފަސް ބޭފުޅުން ވަނީ ބަލިވެފަ އެވެ. އެ ދާއިރާތަކުން ކުރި ހޯދާފައިވަނީ އެމްޑީޕީއިންނެވެ.