އާދަމް ޝަރީފު އުމަރު

"އެމްއެންޕީއަށް ރައީސް ސޯލިހު މެންބަރުން ފޮނުވާފާނެ"

އަލަށް އުފައްދަން މަސައްކަތް ކުރަމުންދާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ރައީސް ސޯލިހަށް ވަފާތެރި ބައެއް މަޖިލީސް މެންބަރުން ފޮނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޕީއެންްސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރަކު އިސްވެ އެމްއެންޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮޓާ) އެވެ.

ނަމަވެސް އިތުރު ދެ މެންބަރަކު އަދި އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެކަމަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ އެމްއެންޕީއާ ހަތް މެންބަރުން ގުޅުމަކީވެސް އެކަށީގެންވާ ކަމެވެ. ނަމަވެސް އެއީ ޕާޓީގެ ފިކުރުގައި މަސައްކަތް ކުރާނެ މެންބަރުންނަށް ނުވާނެ ކަމަށް ވިދާޅުވިއެވެ. އެ މެންބަރުން ވާނީ ރައީސް ސޯލިހް ފޮނުވައިގެން އެ ޕާޓީއަށް ދާ މެންބަރުންތަކަކަށެވެ. އަދި އެމްއެންޕީއަކީ ރައީސް ސޯލިހުގެ ދިފާއަށް އެމަނިކުފާނު ފަހަތުގައި ހުންނަވައިގެން އުފައްދަވާ ޕާޓީއެއް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަނީ ރައީސް ސޯލިހް އަރުއްވާނެ އިތުރު ގޮޅިއެއް ހޯއްދަވަނީ އޭ. އަދި އެ ޕާޓީއަށް ރައީސް ސޯލިހް ފޮނުއްވާ މެންބަރުން ކޮޅެއް ހުރެދާނެ އޭ. ނަމަވެސް އެއީ ޕާޓީ ފިކުރުގައި އެ ވަތަނީ ވިސްނުމުގައި މަސައްކަތް ކުރާނެ ބަޔަކަށް ނުވާނެ. އެ މެންބަރުންތައް ތިއްބަވާނީ ރައީސް ވިދާޅުވީމަ ވިދާޅުވާ ބަޓަނަކަށް ފިއްތަވާލަން،"

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އާ މަޖިލީހުގެ ފަސް މެމްބަރުން ގުޅިވަޑައިގެންފައިވާއިރު އިތުރު ދެ މެމްބަރަކު އެ ޕާޓީއާ ގުޅިއްޖެ ނަމަ އެމްއެންޕީ ވެގެން ދާނީ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަށެވެ. ހަ މެމްބަރުންނާ އެކު މަޖިލީހުގައި މިހާރު މައިނޯރިޓީ ޕާޓީ އަކީ ޕީޕީއެމް އެވެ.

އެކަމާއި ގުޅޭގޮތުންވެސް ޝަރީފް ވާހަކަ ދެއްކެވިއެވެ. އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ މައިނޯރިޓީ ޕާޓީކަން ގެއްލިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެމްއެންޕީ އުފައްދަން އުޅުނަސް އެކަމާމެދު ކަންބޮޑުވުމެއް ނެތެވެ.

"އަޅުގަނޑުގެ ވާހަކައަކީ އެ އުފައްދަން އުޅޭ ކަަމަށް ބުނާ ޕާޓީއަށް މައިނޯރިޓީ ޕާޓީއަށްވުމުގެ ފުރުސަތު ލިބޭނީ މަޖިލީހުގެ 10 މެންބަރުން އެ ޕާޓީއާ ގުޅިގެން. އެ ޕާޓީއަށް ހަ މެންބަރުންނަށްވުރެ އިތުރުވެއްޖެނަމަ އަޅުގަނޑުމެންގެ [ޕީއެންސީ] ގެ ތިން މެންބަރުން ޕީޕީއެމާއި ގުޅިގެންވެސް މައިނޯރިޓީ ދަމަހައްޓާނަން. އަޅުގަނޑުމެން މިއީ އެއް ބައެއް، އެއް ފިކުރެއް، އެއް ވިސްނުމެއް. އެހެންވީމަ އެއް ބަޔަކު އަނެއް ބަޔަކާއި ގުޅުމަކީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ކަމެއް،"

މީގެ އިތުރުން އާދަމް ޝަރީފް ވަނީ އެ ޕާޓީގައި ފަސް މެންބަރުން ތިބޭނެ ކަމާމެދުވެސް ސުވާލު އުފައްދަވާފައެވެ.