ރައްޔިތުންގެ މަޖިލިސް

ޣައްސާން އާއި ސައީދު ހައްޔަރުކުރި މައްސަލަ މަޖިލީހަށް

ހުކުރު ދުވަހުގެ ހަވީރު އޮތް މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހައްޔަރުކުރި މައްސަލާގައި މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނާއި ހިލާފަށް އަމަލު ކޮށްފައިވާތީ އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފި އެވެ.

ޣައްސާން އާއި މުހައްމަދު ސައީދު ހައްޔަރުކުރިއިރު އެ ދެ ބޭފުޅުންވެސް ތިއްބެވީ އިހުތިޖާޖުގެ ބައިވެރިންނާއެކު ބޮޑުތަކުރުފާނު މަގުގައި އިށީންދެ ގެންނެވެ. ސައީދު އާއި ޣައްސާން ބަންދުގައި ބޭތިއްބުމަށް އަމުރު ހޯދަން ކޯޓަށް އިއްޔެ ހާޒިރުކުރީވެސް ބިޑި އަޅުވައިގެންނެވެ.

ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މިއަދު ވަނީ ދެ މެންބަރުން ހައްޔަރު ކުރި މައްސަލާގައި މަޖިލީހުގެ އިމްތިޔާޒުގެ ގާނޫނާއި ހިލާފަށް އަމަލު ކޮށްފައިވާތީ އެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައަޅާފައިވެއެވެ.

އެ ހުށައެޅުމުގައި ބުނެފައިވަނީ ސައީދު އާއި ޣައްސާން ހައްޔަރު ކުރުމުގެ ކުރީން އެ ދެ ބޭފުޅުންގެ މޫނަށް ޕެޕާސްޕްރޭ ޖަހާ ހައްޔަރު ކުރުމަށް ފަހު ބިޑި އަޅުވާ ދޫނިދޫއަށް ގެންގޮސް 24 ގަޑިއިރު ބަންދުގައި ބައިތިއްބާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރަކު ބަންދު ކޮށްފިކަމުގެ މައުލޫމާތު މަޖިލީހުގެ ރައީސަށް ލިބިއްޖެނަމަ ވީ އެންމެ އަވަހަކަށް އެކަން ބެލުމަށް މަޖިލީހުގެ އިމްތިޔާޒު ކޮމެޓީ އެއްކުރަން ވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 236 ވަނަ މާއްދާގައި މެންބަރަކު ބަންދު ކުރަން ޖެހިއްޖެނަމަ ބަންދު ކުރާތާ ގިނަވެގެން އެއް ގަޑިއިރުގެ ތެރޭގައި އެކަން މަޖިލީހުގެ ރައީސަށް އަންގަވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އިދާރާތަކުން އެ ގޮތަށް އަމަލުކޮށްފައި ނުވާތީ އެ މައްސަލަ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީން ބަލައިދިނުމަށް ވަނީ އެދިފައެވެ.

ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހައްޔަރުކޮށް ބިޑި އަޅުވާ އަނިޔާކުރި މައްސަލަ އިންޓަ ޕާލިމަންޓަރީ ޔޫނިއަން (އައިޕީޔޫ) ހުށައަޅުއްވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޣައްސާން އާއި ސައީދު މިހާރު ވަނީ ދޫކޮށްލާފައެވެ.

އެ ދެ ބޭފުޅުންވެސް ދޫކޮށްލީ ބަންދާއިމެދު ގޮތް ނިންމަން ބަންދު މަޖިލީހަށް ހާޒިރުކުރުމުން ކޯޓުންނެވެ. މެންބަރު ސައީދު އާއި ޣައްސާން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށް ފަހު ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުންޏެވެ. އެގޮތުން އެ ދެ ބޭފުޅުން މިހާރު ދިރިއުޅުއްވާ އެޑްރެސް ބަދަލުވެއްޖެނަމަ އެންގުމަށާއި ތަހުގީގަށް އެއްބާރުލުން ދިނުމަށާއި ފޯން ނަންބަރު ބަދަލުކޮށްފި ނަމަ އެކަން އެންގުމަށް ވަނީ ޝަރުތުކޮށްފައެވެ.