ހަބަރު

މާމިގިލީގައި ސައްހަ ގިނަ ވޯޓުތަކެއް ބާތިލް ކުރި މައްސަލަ ބަލަނީ

އދ. މާމިގިލީ ވޯޓު ފޮށިތަކުގައި 100 އަށްވުރެ ގިނަ ސައްހަ ވޯޓު ބާތިލް ވޯޓުގެ ގޮތުގައި ގުނާފައިވާ މައްސަލަ އިލެކްޝަން ކޮމިޝަނުން ބަލަން ނިންމައިފި އެވެ.

މާމިގިލީ ދާއިރާ ވޯޓު ފޮށިތަކާ ގުޅިގެން ލިބުނު ޝަކުވާތަކާ ގުޅިގެން މާމިގިލީގައި ބެހެއްޓި ތިން ވޯޓު ފޮށީގެ ބާތިލް ވޯޓުތައް މިރޭ އަލުން ވަނީ ގުނާފަ އެވެ.

އަލުން ގުނިއިރު އެ ދާއިރާއަށް ވާދަ ކުރެއްވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ލިބެންޖެހޭ 64 ސައްހަ ވޯޓެއް ބާތިލްގެ ވޯޓުގެ ގޮތުގައި ހިމަނާފައިވެ އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް އަމީޒަށް ލިބެންޖެހޭ 45 ސައްހަ ވޯޓު، ބާތިލްގެ ވޯޓުގެ ކަނޑައަޅާފައިވެ އެވެ.

މިރޭ ވޯޓު އަލުން ގުނުމަށްފަހު އެ ވޯޓުތައް ވަނީ ސައްހަ ވޯޓުގެ ގޮތުގައި ކަނޑައަޅައި އެ ކެންޑިޑޭޓެއްގެ ވޯޓުގެ ގޮތުގައި ހިމަނާފަ އެވެ. އެ ބަދަލާއެކު ވެެސް އެ ދާއިރާގެ ގޮނޑި ކަށަވަރުކޮށްފައިވަނީ ގާސިމެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް މިރޭ އަވަސްއަށް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން އެ މައްސަލަ ބަލާނެ ކަމަށެވެ. އަދި އެއީ ގަސްދުގައި ސައްހަ ވޯޓުތަކެއް ބާތިލްކޮށްފައިވަނީތޯ ބަލައި އެކަމުގައި ފިޔަވަޅު އަޅަން ޖެހޭނަމަ އެކަމުގައި ބައިވެރިވި އޮފިޝަލުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ގާނޫނުގައިވާ ގޮތުން އެފަދަ ކަންކަމާ ގުޅިގެން ޒިންމާ ނަގަން ޖެހެނީ އެ ވޯޓު ފޮއްޓެއްގެ ވެރިޔާ އެވެ. އަދި އެފަދަ އަމަލެއް ހިންގުމަކީ ގާނޫނީ ކުށެކެވެ.