ގާސިމް އިބްރާހިމް

ސިފައިންނާއި ފުުހުންނާއި ފަނޑިޔާރުންނަށް ހިލޭ ބޯހިޔާވަހިކަން ދޭނަން: ގާސިމް

ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުން މަގާމުގައި ދެމިތިބިހާ ދުވަހު ދައުލަތުން ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އދ. މާމިގިލީގައި މިރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ސިފައިންނާ ފުލުހުންނަށް ފްލެޓް އަޅައިދޭނެ ވާހަކަ ބުނާތީ އަބަދު އަޑު އިވޭ ކަމަށެވެ. އެކަމަކު ވެރިކަމުގެ ކޮންމެ ދައުރެއް ނިމިގެން ދަނީ އެކަން ހަގީގަތަކަށް ނުވެ ކަމުގައިވެސް ވިދާޅުވި އެވެ.

"މިގައުމު ސަލާމަތްކަމާއި އެކީގައި ދަމަހައްޓަން އަދި އެބަޔަކީ ގައުމު ސަލާމަތްކުރަން މޭއައްޑަނައަކަށް ދިއްކޮށްލައިގެން ތިބޭ އެމްއެންޑީއެފްގެ ބޭފުޅުން. އަދުލުއިންސާފުގެ ކުރިމައްޗަށް މީހުން ގެންނަން ރެއާއި ދުވާލު މަސައްކަތްކުރާ ބަޔަކީ ފުލުހުން. އެކަމަކު އެބޭފުޅުންނާ އެބޭފުޅުންގެ އާއިލާ ބިކަވަމުންދާ މަންޒަރު ފެންނަމުން މިދަނީ،" ގާސިމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ސިފައިންގެ މީހަކު ނުވަތަ ފުލުހުންގެ މީހަކު ކޮންމެ ތަނެއްގައި ހުންނެވި ނަމަވެސް އެމީހަކަށް އެކަށީގެންވާ ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަމެއް ދައުލަތުން ފޯރުކޮށްދޭނެ ކަމަށެވެ. މާލޭގައި އެކަން ކުރާނެ ގޮތުގެ ވިސްނުމެއްވެސް ގާސިމް ވަނީ ތިލަކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ބައެއް އާއިލާތައް މިހާރު ދިރިއުޅޭ ބަންޑާރަކޮށީގެ ބައެއް ތަންތަން އެކި މަރުހަލާތަކަށް ބަހާލައިގެން އެތަނުގައި 15 ބުރީގެ އިމާރާތްތަކެއް އަޅާނެ ކަމަށެވެ.

"ހުޅުމާލޭގައި ވަޒީފާ އަދާކުރާނަމަ އެތަނުގައި، މާލޭގައި ނަމަ މާލޭގައި، ރާއްޖޭގެ އެހެން ހިސާބެއްގައި ނަމަ އެ ތަނެއްގައި. އެކަން އެގޮތުގެ މަތިން ހަމަޖައްސައިދޭނަން އަޅުގަނޑުގެ ވެރިކަމެއްގައި،" ސިފައިންނާއި ފުލުހުންނަށް ވައުދުވަމުން ގާސިމް ވިދާޅުވި އެވެ. ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ދޭ އުސޫލުން މާލެ ސަރަހައްދުގައި ދިރިއުޅޭ ފަނޑިޔާރުންނަށްވެސް ބޯހިޔާވަހިކަން ހަމަޖައްސައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ފަނޑިޔާރުންވެސް މަގާމުގައި ތިބިހާ ހިނދަކު ކުލި ދެއްކުމަކާއި ނުލާ އެކޮމޮޑޭޝަން ފޯރުކޮށްދޭނަން،" ގާސިމު ވިދާޅުވި އެވެ.

ގާސިމްގެ ރަށް މާމިގިލީގައި ބޭއްވި މިޖަލްސާގައި ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވެ ގާސިމަށް އޮތް ތާއީދު ދައްކާލާފައިވެ އެވެ.

ގާސިމްގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައިވަނީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖޭޕީގެ ނައިބް ލީޑަރު އަމީން އިބްރާހީމް އެވެ.