ރިޕޯޓް

ރައީސްގެ އާ އުކުޅު، ސިޔާސީ ބޮޑު ކާމިޔާބީ!

Apr 11, 2019
15

ނިމިގެންމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ވެސް އެއް ޕާޓީއަކަށް މިހާ ބޮޑު ކާމިޔާބީއެއް ލިބިގެން ދިޔަ ނަތީޖާ އެވެ. އަށްޑިހަ ހަތް ގޮނޑީގެ ތެރެއިން 65 ގޮނޑި ކަށަވަރުކޮށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ، އެމްޑީޕީއިން ވަނީ ހޯދާފަ އެވެ. އެއީ އެމްޑީޕީއިން ވެސް ހިސާބު ޖެހި އަދަދަށްވުރެ މާ މަތީ އަދަދެކެވެ.

"އެޖެންޑާ19"ގެ ސިޔާސަތާއެކު، މުޅި ރާއްޖޭގައި އެމްޑީޕީ ކެމްޕެއިން ކުރީ މަޖިލީހުގެ މެޖޯރިޓީ ހޯދުމުގެ އަޒުމުގަ އެވެ. އެ އަޒުމުގެ ނަތީޖާއަކީ ސުޕަ މެޖޯރިޓީ އެވެ. އޭގެ އެންމެ ބޮޑު މޭސްތިރިންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ދެ ބޭފުޅުންގެ ތެރެއިން ވެސް ރައީސް ސޯލިހުގެ ސިޔާސީ ހިކުމަތްތެރިކަން މި އިންތިހާބުން ވަރަށް ބޮޑަށް ފާޅުވެއްޖެ އެވެ.

ކެމްޕެއިން ކުރެއްވުމުގައި ރައީސް ނަޝީދަކީ އަބަދުވެސް ޖެހިލުމެއް ނެތި، ފާޑުވިދާޅުވެ ގަދަ ބަސް ވެސް ބުނުއްވާ ބޭފުޅެކެވެ. ބައެއް މައްސަލަތަކުގައި އެމަނިކުފާނު މިނިވަން ހިޔާލު ފާޅުކުރެއްވުމުން މައްސަލަތައް ހޫނު ވެސް ވެފައިވެ އެވެ. ބައެއް މީހުންގެ ނުރުހުން ވެސް އަމާޒުވެ އެވެ. އޭގެ ބަދަލުގައި ރައީސް ސޯލިހު ފެނިގެން ދަނީ ވިސްނުންތެރިކަމާއެކު ނޫނީ އެންމެ ލަފުޒެއް ވެސް ވިދާޅުނުވާ ބޭފުޅެއްގެ ގޮތުގައި އެވެ.

އެންމެ ފުރަތަމަ އެމްޑީޕީ ވެރިކަމަށް އައީ ވެސް ކޯލިޝަނެއްގެ ތެރެއިންނެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ދިޔައިރު އެ ކޯލިޝަންގައި މައްސަލަ ޖެހިފަ އެވެ. އެމްޑީޕީއަށް ގޮނޑިތައް ހޯދަން ޖެހުނީ އެކަންޏެވެ. އެކަމަކު، އެ ފަހަރު އެމްޑީޕީއަށް މާބޮޑު ކާމިޔާބީއެއް ނުލިބުނެވެ. ރައީސް ނަޝީދުގެ ސަރުކާރު ހިންގަން އުނދަގޫވީ ވެސް އެ މޯޖޯރިޓީ ނެތުމުންނެވެ. އަދި އެހެން ޕާޓީތަކާއެކު ރަނގަޅު ގުޅުމެއް ނެތުމުންނެވެ.

މި އިންތިހާބާ ހަމައަށް ދިޔައިރު ވެސް ކޯލިޝަން އޮތީ ރޫޅުމާ ގާތުގަ އެވެ. އެމްޑީޕީއިން މަޖިލީހަށް ހިފާލީ އެކަންޏެވެ. އެހެން ޕާޓީތައް އެކަމާ ނުރުހުންވި އެވެ. އެކަމަކު، ރައީސް ސޯލިހު އަބަދުވެސް ކޯލިޝަނަށް އިސްކަން ދެއްވި އެވެ. ކޯލިޝަން ޕާޓްނަރުން ރުޅިއެއް ނާރުވަ އެވެ. ސަރުކާރުގެ ކެބިނެޓްގައި ޕާޓީތަކުގެ މިނިސްޓަރުން ތިއްބެވި އެވެ. އެ ބޭފުޅުންނާއެކު ތަފާތު މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި އެވެ. ކޯލިޝަން ތެރޭގައި ބޮޑު މައްސަލަތަކެއް ޖެހިފައިވާކަން ސަރުކާރަށް ބަލާލުމުން ހީވެސް ނުވެ އެވެ.

ރައީސް ސޯލިހު، ކެމްޕެއިންނަށް ގިނަ ރަށްތަކާއި ދާއިރާތަކަށް ވަޑައިގެންނެވިއިރު ވެސް ވަޑައިނުގެންނެވި ބައެއް ދާއިރާތައް ހިމެނެ އެވެ. މިސާލަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވާދަ ކުރެއްވި ދާއިރާ އާއި އަދާލަތު ޕާޓީގެ އަނާރާ ނައީމް ވާދަ ކުރެއްވި ދާއިރާ އާއި ޖުމްހޫރީ ޕާޓީގެ އަބްދުﷲ ރިޔާޒާ ދެކޮޅަށް ކެމްޕެއިން ކުރައްވަން ރައީސް ސޯލިހު ވަޑައެއް ނުގަންނަވަ އެވެ. އެހެން ނަމަވެސް ކެމްޕެއިންނަށް ރައީސް ނަޝީދު ފޮނުއްވި އެވެ.

އެ އުކުޅަކީ މި އިންތިހާބުގެ އެމްޑީޕީއަށް ލިބުނު ބޮޑު ނަސްރުގެ ތަޅުދަނޑި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބަލާއިރު އެމްޑީޕީއަށް ލިބުނު ވޯޓަށްވުރެ އެމްޑީޕީއާ ދެކޮޅަށް ދިން ވޯޓު އިތުރެވެ. އޭގެ މާނައަކީ ސަރުކާރު ކޯލިޝަން ރޫޅި، އިދިކޮޅު ބޮޑު ކޯލިޝަނެއް އުފެދުނު ނަމަ، އެމްޑީޕީއަށް މިއަދު ލިބިފައިވާ ކާމިޔާބީއާ ގާތްކުރާ މިންވަރަށް ވެސް ކާމިޔާބެއް ނުލިބޭނެ ކަމެވެ. ބޮޑު ތަނުން އިދިކޮޅު މަޖިލިސް ހިސޯރު ކުރާނެ އެވެ. ރައީސް ސޯލިހަށް ވެސް ޖެހުނީހީ ރައީސް ނަޝީދަށް ޖެހުނު ހާލެވެ.

ޖުމްހޫރީ ޕާޓީ އާއި ރައީސް މައުމޫން އާއި އަދާލަތު ޕާޓީ، ސަރުކާރު ކޯލިޝަން ތެރެއިން ނެއްޓިގެން ދިޔަ ނުދީ، އަދި އެ ޕާޓީތައް ނުރުހުންވާނެ ގޮތަކަށް ރައީސް ސޯލިހު އަމަލު ނުކުރެއްވީ ވެސް އެހެންވެ އެވެ. އެމްޑީޕީއިން ކުރާނެ ހުރިހާ ސިޔާސީ މަސައްކަތެއް، ޕާޓީގެ އެންމެ އިސް ބޭފުޅާގެ ހައިސިއްޔަތުން ރައީސް ސޯލިހު ހަވާލުކޮށްފައި އޮތީ ރައީސް ނަޝީދަށެވެ.

މީގެކުރީގެ ރައްޔިތުންގެ އިންތިހާބުގައި ވެސް ޖުމްހޫރީ ޕާޓީ، ޕީޕީއެމް، އަދާލަތު ޕާޓީ އެކުވެގެން ނުކުމެ، އެމްޑީޕީ ބޮޑު ތަނުން ބަލިކުރި އެވެ.

ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް، މިފަހަރުގެ އިންތިހާބަށް އަނގަބަހުން ކޯލިޝަނެއް ހެދި އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ބައެއް ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ވެސް ކޮށް ދެއްވި އެވެ. އެކަމަކު އެއީ ކޯލިޝަނެއް ކަމަށް ރައްޔިތުންނަށް އިހްސާސެއް ނުކުރެވުނެވެ. އެ ޕާޓީ އެކުގައި ނުކުތް ދާއިރާތަކުގެ ވޯޓު ވެސް ދެބައިވެގެން ދިޔަ އެވެ.

އޭގައި ވެސް އޮތީ ސިޔާސީ ހިކުމަތެއްގެ ނަތީޖާ އެވެ. ރައީސް ސޯލިހު ވަނީ ނައިބު ރައީސް ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ އެހެން ބައެއް މިނިސްޓަރުން މެދުވެރިކޮށް ވެސް އެމްޑީޕީއަށް ކެމްޕެއިން ކުރައްވާފަ އެވެ. އެ ބޭފުޅުންގެ ތާއިދާއެކު ޖުމްހޫރީ ޕާޓީގެ ބޮޑު ބައި ވެސް އޮތީ އެމްޑީޕީއާއެކު ކަމުގެ އިހްސާސް ކުރުވި އެވެ.

އެމްޑީޕީގެ ރައީސް ނަޝީދު ވެސް ފާހަގަ ކުރެއްވި ގޮތުގައި މިފަހަރު އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީ އާއި އިދިކޮޅަށް ލިބުނު ބޮޑު ބަލީގެ ސިއްރަކީ އެމަނިކުފާނާއި ރައީސް ސޯލިހާ ދެމެދު އޮތް އިތުބާރެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ރައީސް ސޯލިހު ގާތު ނުދެންނެވި ނަމަވެސް އެމަނިކުފާނަށް އެކަމެއް އެނގިވަޑައިގަންނަވާ ކަމަށެވެ. ހަމައެހެން ރައީސް ސޯލިހު ބޭނުންފުޅުވާ ކަންކަން ވެސް އެމަނިކުފާނަށް މާކުރިން އެނގިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން ދެމީހުންނަށް ހިތުލީ އަދަދު އެނގޭނެ، އަޅުގަނޑަށް އެނގޭނެ ރައީސް ބޭނުންފުޅުވާ ގޮތް، އަޅުގަނޑުމެން ދެމީހުން ވިހޭންސުރެ އެކީގަ އުޅޭ ދެމީހުން، އަޅުގަނޑުމެން ނުޖެހޭނެ ރުޅި އައިސްގެން އުޅޭކަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ބޮޑު ކޯލިޝަނުން ހޯދި ވަރުގެ ކާމިޔާބީއެއް، ރައީސް ސޯލިހު ނޫނީ އެމްޑީޕީއިން އެކަނި މިއަދު މިވަނީ ހޯދާފަ އެވެ. އޭގެ ފަހަތުގައި ވަނީ ރައީސް ސޯލިހުގެ މަޑުމައިތިރި، ހިކުމަތްތެރި ވިސްނުންކަން މިހާރު މިއޮތީ ފެންނާށެވެ.