މާވަށު ދާއިިރާގެ ވޯޓު ދެވަނަ ފަހަރަށް ގުނައިގެން ވެސް ވޯޓް އިތުރުވެ، އެ ދާއިރާގެ ގޮނޑި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ސައީދު ކަށަވަރުކޮށްފި އެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ މިދިޔަ އަންގާރަ ދުވަަހު އެދާއިރާގެ ހަތަރު ފޮއްޓެއް ގުނާފަ އެވެ. އެ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަ ކުރެއްވި ސައީދު ކުރި ހޯއްދެވީ، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ފަލާހުއާ ވާދަކޮށް ފަސް ވޯޓުގެ ތަފާތުންނެވެ.
އެމްޑީޕީ ކެނޑިޑޭޓް އިބްރާހިމް ފަލާހުގެ ޝަކުވާއާ ގުޅިގެން އިލެކްޝަން ކޮމިޝަނުން އެދާއިރާގެ 69 ފޮއްޓެއް އަލުން ގުނަން ނިންމެވި އެވެ.
އިއްޔެ ހަވީރު 5:00ގައި ގުނަންފެށި އެދާއިރާގެ 69 ވޯޓް ފޮށި ގުނާ ނިމިފައިވަނީ ރޭދަންވަރެވެ. 69 ވޯޓް ފޮށި ގުނައި އެދާއިރާ ސައީދު ކާމިޔާބު ކުރައްވާފައިވަނީ ހަ ވޯޓްގެ ފަރަގުންނެވެ. 73 ފޮށި ގުނައިގެން މިހާރު ސައީދަށް ލިބޭ ޖުމްލަ ވޯޓްގެ އަދަދަކީ 853 އެވެ. އަދި ފަލާހަށް މިހާރު ލިބެނީ 848 ވޯޓެވެ.
މާވަށު ދާއިރާގެ 73 ވޯޓް ފޮއްޓެއް ގުނާފައިވާއިރު، ރޭ ވަނީ ބާރަށު ދާއިރާގެ ތިން ވޯޓް ފޮއްޓަކާއި ފޮނަދޫ ދާއިރާގެ ވޯޓް ފޮއްޓެއް ބާތިލް ވޯޓް ގުނާފަ އެވެ. ނަމަވެސް އެދެދާއިރާގެ ނަތީޖާއަކަށް އެއްވެސް ބަދަލެއްނާދެ އެވެ. މީގެ އިތުރުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ވަނީ މާމިގިލީގައި ބެހެއްޓި ތިން ވޯޓު ފޮށީގެ ބާތިލް ވޯޓު ވެސް ގުނާފަ އެވެ. އެފޮށިތައް ގުނުމުންވެސް ކުރި ހޯއްދެވީ ގާސިމް އިބްރާހިމް އެވެ.