ލ. މާވަށު ދާއިިރާގެ ވޯޓު އަލުން ގުނައިގެން ވެސް ނަތީޖާއަށް އެއްވެސް ބަދަލެއް ނައިސް، އެ ދާއިރާގެ މެންބަރުކަން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ސައީދު ކަށަވަރުކޮށްފި އެވެ.
އެ ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނާފައިވަނީ އިލެކްޝަން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެންނެވެ. އެ ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަ ކުރެއްވި ސައީދު ކުރި ހޯއްދެވީ، އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ފަލާހުއާ ވާދަކޮށް ފަސް ވޯޓުގެ ތަފާތުންނެވެ.
މިރޭ އިލެކްޝަން ކޮމިޝަނުން ވަނީ ކުނަހަންދޫގައި ބެހެއްޓި ވޯޓު ފޮއްޓާއި ހުޅުމާލޭގައި ބެހެއްޓި އެހެނިހެން ވޯޓު ފޮށީގެ މާވަށު ދާއިރާގެ ވޯޓާއި މާލޭގައި ބެހެއްޓި ލ. އަތޮޅުގެ ވޯޓު ފޮށީގެ މާވަށު ދާއިރާގެ ވޯޓާއި ނ. ކެނދިކުޅުދޫގެ ވޯޓު ފޮށީގައި މާވަށު ދާއިރާގެ ވޯޓު އަލުން ގުނާފަ އެވެ.
ކުނަހަންދޫ ވޯޓު ފޮށީގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަހުމަދު އަޒްހާން ފަހުމީގެ ވޯޓެއް ބާތިލް ވޯޓެއްގެ ގޮތުގައި ގުނާފައިވެ އެވެ. އެހެންވެ އެ ވޯޓަކީ އަޒްހާން ފަހުމީގެ ވޯޓެއްގެ ގޮތުގައި މިރޭ ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން ކެނދިކުޅުދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓު ލާފައިވާ ހަމައެކަނި މާވަށު ދާއިރާގެ މީހާގެ ވޯޓު ގުނައި، ނަތީޖާ ޝީޓްގައި ހިމަނާފައެއް ނުވެ އެވެ. އެހެންވެ، އެ ވޯޓަކީ އެމްޑީޕީގެ ކެންޑިޑޭޓް ފަލާހަށް ދީފައިވާ ވޯޓެކެވެ. އެހެންވެ އެ ވޯޓު ވަނީ އޭނާގެ ވޯޓުގައި ހިމަނާފަ އެވެ.
އެ ބަދަލާއެކު ފަލާހާއި ސައީދުއާ ދެމެދު ފަރަގު ހަތަރު ވޯޓަށް ކުޑަވި އެވެ. ނަމަވެސް ނަތީޖާ ފަލާހުގެ ކޮޅަށް އެނބުރޭ ވަރުގެ ބަދަލެއް ނަ އެވެ.
މިރޭ މާމިގިލީގައި ބެހެއްޓި ތިން ވޯޓު ފޮށީގެ ބާތިލް ވޯޓު ވެސް ގުނި އެވެ. ބާތިލް ވޯޓުގެ ތެރޭގައި އެ ދާއިރާއަށް ވާދަ ކުރެއްވި ގާސިމް އިބްރާހިމަށް ލިބެންޖެހޭ 65 ވޯޓަކާއި އެމްޑީޕީގެ ކެންޑިޑޭޓް އަމީޒަށް 45 ވޯޓު އިތުރުވި އެވެ. އެ ބަދަލާއެކު ވެސް އެ ދާއިރާއިން ކުރީގައި އުޅުއްވަނީ ގާސިމެވެ.