ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އިންތިހާބު ނަމްބަރުން

އޭޝިއާ ބައްރުގައި ފާހަގަ ކޮށްލެވޭ ގިނަ ގައުމުތަކެއްގައި މިދުވަސްވަރު ވޯޓުލަމުން ދާއިރު މީގެ ތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވޭ ދުނިޔޭގެ އެންމެ ބޮޑު އިލެކްޝަންގެ ވޯޓުލުމުގެ މަސައްކަތް އިންޑިއާގައި ދަނީ ކުރިއަށެވެ.

ވޯޓުލުން 11 އެޕްރީލްގައި ފަށާފައި ވާއިރު އެ ގައުމުގައި ތިބި 1.3 ބިލިއަން މީހުންގެ ތެރެއިން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 900 މިލިއަން އެވެ. އެއީ އެމެރިކާގެ އާބާދީގެ ތިން ގުނަ އިތުރު އަދަދެކެވެ.

އަންދާޒާކުރެވޭ ގޮތުގައި އެ ގައުމުގައި އެއް މިލިއަނަށްވުރެ ގިނައިން ވޯޓްލާ މަރުކަޒުތައް ހަދާފައިވެ އެވެ. އަދި 10 މިލިއަނަށްވުރެ ގިނަ އިލެކްޝަން އޮފިޝަލުން ހަރަކާތްތެރި ވަމުން ދާއިރު އެގައުމުގައި ދެ މިލިއަނަށްވުރެ ގިނަ އިލެކްޓްރޯނިކް ވޯޓިންގް، އީ-ވޯޓިން މެޝިން ބަހައްޓާފައިވެ އެވެ.

އިންޑިއާގެ ޕާލިމެންޓުގެ ތިރިގެ ނުވަތަ ލޮވާ ހައުސް 'ލޮކްޝަބާ' ގައި ހިމެނޭ 545 ގޮނޑިއަށް 460 ޕާޓީއަކަށް ނިސްބަތްވާ 8000 އަށްވުރެ ގިނަ މެމްބަރުން ކުރިމަތިލާފައިވާ އިތރުމެޖޯރިޓީ ސަރުކާރެއް އުފެއްދުމަށްޓަކައި ޕާޓީއަށް މަދުވެގެން 272 މެންބަރުން ބޭނުންވާނެ އެވެ. އަދި އެއަށްފަހު ގައުމުގެ ބޮޑުވަޒީރު އައްޔަން ކުރައްވާނީ އެ ޕާޓީއަކުން ނެވެ.

ގާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ ގޮނޑިތަކަށް ބޭފުޅުން އައްޔަން ކުރާނީ ތިރީ ޕާލިމަންޓުން ހޮވޭ ބޭފުޅުންގެ ތެރެއިން ނެވެ.

ދުނިޔޭގެ އެންމެ ބޮޑު އިންތިހާބަށް، 700 ބިލިއަން އިންޑިއާ ރުޕީޒް (ގާތްގަނޑަކަށް 14 ބިލިއަން އެމެރިކާ ޑޮލަރު) ހަރަދު ވާނެކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާއިރު މި އަދަދަކީ 2014ގެ އިލެކްޝަނުގައި ހޭދަކޮށްފައިވާ އަދަދުގެ ދެގުނަ އިތުރު އަދަދެެކެވ.

އިންޑިއާގެ މި އިންތިހާބަކީ ދުނިޔޭގެ އެންމެ އަގުބޮޑު އިލެކްޝަނަށް ވާނެ ކަމަށް ބެލެވެ އެވެ.

ހަތް ބަޔަކަށް ބަހާލައިގެން ބާއްވާ މި އިލެކްޝަންގައި އެންމެ ފަހުން ވޯޓުލާނީ 19 މޭ ގައެވެ. އަދި ނަތީޖާ އިއުލާނު ކުރާނީ މޭ މަހު 23 ގައެވެ.