ހަބަރު

މިއަދުން ފެށިގެން ވިސާއާ ނުލައި ދިވެހިންނަށް ތައިލޭންޑަށް ދެވޭނެ

ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑަށް ދަތުރުކުރެވޭ ގޮތުގެ އުސޫލަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ދިވެހިންނަށް 30 ދުވަހަށް ވިސާއާ ނުލައި އެތެރެވެވޭ ގޮތަށް ތައިލެންޑް ސަރުކާރުން ވަނީ މިއަދުން ފެށިގެން އަމަލު ކުރަން ފައްޓާފައި ކަމަށެވެ. އެގޮތުން ތައިލޭންޑަށް ދާއިރު، މުއްދަތު ހަމަނުވާ ހަމަހަށްވުރެ ގިނަ މުއްދަތެއް އޮތް ޕާސްޕޯޓާއި 30 ދުވަހުގެ ތެރޭގައި އެނބުރި ދާނެ ކަމުގެ ރިޓާން ޓިކެެޓާއި ފުރިހަމަކުރެވިފައިވާ އެރައިވަލް ކާޑް އޮންނަންވާނެ ކަމަށެވެ.

މީގެ އިތުރުން އެކަށީގެންވާ އަދަދަކަށް ފައިސާ ހުންނަން ޖެހޭނެ ކަމަށެވެ. އެގޮތުން އެންމެ މަދުވެގެން އެކަކަށް 20،000 ތައިލެންޑް ބާތު (630 ޑޮލަރު) ނުވަތަ އާއިލާއެއްނަމަ 40،000 ބާތު (1،260 ޑޮލަރު) ހުންނަންވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި އުސޫލުގެ ދަށުން ތައިލެންޑަށް އެތެރެވެފައި، މަގުބޫލު އުޒުރަކާ ލައިގެން މުއްދަތު އިތުރުކުރަން އެދޭނަމަ ތައިލެންޑް އިމިގްރޭޝަނަށް އެއް ފަހަރު އިތުރު ކުރުމުގެ ބާރު ލިބިގެންވާ ކަމަށާއި މަޑުކުރެވޭނެ މުއްދަތު ކަނޑައަޅާނީ ތައިލެންޑްގެ އިމިގްރޭޝަނުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ، އާ އުސޫލުގެ ދަށުން ތައިލޭންޑަށް އެއްގަމު މަގުން އެތެރެވެވޭނީ އަހަރަކު އެއް ފަހަރު ކަމަށެވެ.

މިނިސްޓްރީން ބުނީ، ގަވައިދާ ހިލާފަށް ތައިލެންޑުގައި އުޅޭނަމަ ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ވަކި މުއްދަތަކަށް ތައިލޭންޑަށް އެތެރެވުން މަނާ ކުރުމާއި ހައްޔަރުކުރުމާއި ޖޫރިމަނާ ކުރުން ހިމެނޭ ކަމަށެވެ.

އެގޮތުން ވިސާގެ މުއްދަތު ހަމަވުމަށްފަހު އެގައުމުގައި މަޑު ކޮށްފިނަމަ ކޮންމެ ދުވަހަކަށް 500 ބާތުގެ މަގުން 20،000 ބާތުއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި ވިސާނެތި 90 ދުވަހަށްވުރެ ގިނަ ވެއްޖެނަމަ ޖޫރިމަނާ ކުރުމުގެ އިތުރުން އެގައުމުން ފުރާ ދުވަހުން ފެށިގެން އެއް އަހަރުގެ މުއްދަތައް އެގައުމަށް އެތެރެވުން މަނާ ކުރެވޭނެ ކަމަށެވެ. އަދި އެއް އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެނަމަ ތިން އަހަރަށް އެގައުމަށް އެތެރެވުން މަނާ ކުރެވޭނެ ކަމަށް ވެސް އާ އުސޫލުގައި ވެއެވެ.

މީގެ އިތުރުން އެހެން އިންޓަނޭޝަނަލް ބޯޑަރަކުން ބޭރުވާން އުޅުނުކަމުގައި ވީނަމަވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން އެއް އަހަރު ވިސާނެތި މަޑުކޮށްފައިވާނަމަ ފަސް އަހަރަށް ތައިލޭންޑަށް އެރުން މަނާ ކުރެވޭނެ ކަަމަށެވެ. އަދި އެއް އަހަރަށްވުރެ ގިނަ ނަމަ 10 އަހަރުގެ މުއްދަތަކަށް ތައިލެންޑަށް އެތެރެވުން މަނާކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވިފަހުން އަވަށްޓެރި އިންޑިއާއާއެކު ވެސް ވަނީ ވިސާގެ ލުއިތަކެއް ހޯއްދަވައި ދެއްވައިފަ އެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ވިސާގެ ލުއިތަކަކާއި ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ދާދި ފަހުން އެ ގައުމުގެ ސަރުކާރާއެކު ވެސް މަޝްވަރާތަކެއް ކުރައްވައިފަ އެވެ.