ހަބަރު

ފަލަސްތީނު މިނިވަންކުރަން އަބަދުވެސް ތާއީދު ކުރާނަން: ރައީސް

ފަލަސްތީނުގެ މިނިވަން ކަމަށް ކުރެވޭ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާއީދު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވިދާޅުވެފައިވަނީ ފަލަސްތީން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ވަލީދު އޭއެމް އަބޫ އަލީގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސްއަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެވެ. އެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސް އޮފީހުގައި އެވެ.

ރަސްމިއްޔާތުގައި ރައީސް ވަނީ ދެގައުމުގެ ގުޅުމާބެހޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ، ފަލަސްތީނަކީ ދިވެހިންގެ ހިތްތަކުގައި ހާއްސަ މަގާމެއް ދެވިފައިވާ ގައުމެއް ކަމަށާއި ފަލަސްތީނުގެ މިނިވަންކަމަށް ކުރެވޭ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާއީދު ކުރައްވާނެ ކަމަށެވެ. އަދި އެ ތާއީދު އެގޮތުގައި ދެމި އޮންނާނެ ކަމަށްވެސް ރައީިސް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ފަލަސްތީނުގެ އާސަފީރު ވިދާޅުވީ، ރާއްޖޭގައި ފަލަސްތީނުގެ ރައްޔިތުން ތަމްސީލުކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމުން އުފާ ކުރައްވާކަމަށެވެ. އަދި ދެގައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެ ކަމަށާއި ރާއްޖެއަކީ އަބަދުވެސް ފަލަސްތީނަށް އެއްބާރުލުން ދެމުން އަންނަ ގައުމެއް ކަމަށާއި އެކަމަށް ޝުކުރުއަދާކުރާ ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.