ލިވަޕޫލް

ސިޓީއަށް ފުރުސަތު ނުދީ ލިވަޕޫލް އެކަކަށް!

ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް 3-1 ން މޮޅުވެ، މެންޗެސްޓާ ސިޓީން ތާވަލުގެ އެއް ވަނައަށް އެރި ނަމަވެސް، ޗެލްސީގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައި، ސިޓީ ފަހަތަށް ޖައްސާލުމަށް ފަހު ލިވަޕޫލް އެއް ވަނަ މަގާމަށް އަލުން ޖެހިލައިފި އެވެ.

ޕެލަސްގެ ދަނޑުގައި ކުޅުނު މެޗުގައި، ސިޓީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ، ރަހީމް ސްޓާލިން އެވެ. ސިޓީގެ އަނެއް ލަނޑު ކާމިޔާބު ކުރީ ގެބްރިއަލް ޖެސޫސް އެވެ. ޕެލަސްގެ ލަނޑު ކާމިޔާބު ކުރީ ލުކަ މިލިވޮޖެވިޗް އެވެ.

އެ މޮޅާ އެކު، ސިޓީ އެއް ވަނަ މާގަމަށް ޖެހިލީ 83 ޕޮއިންޓާއެކު އެވެ. ޗެލްސީ އާއި ލިވަޕޫލްގެ މެޗު ނިމެންދެން ސިޓީ އެއް ވަނައިގައި އޮތެވެ. އެހެންނަމަވެސް، ސެޑިއޯ މާނޭ އާއި މުހައްމަދު ސަލާހް ކާމިޔާބު ކުރި ދެ ލަނޑާއެކު ލިވަޕޫލް އެއް ވަނަ މަގާމަށް އެރީ 85 ޕޮއިންޓާއެކު އެވެ. ސިޓީ ދެ ވަނައިގައި އޮތް ނަމަވެސް ލިވަޕޫލަށް ވުރެ އިތުރަށް ބާކީ އެއް މެޗު އެ ޓީމަށް އެބައޮތެވެ.

ރޭ ގެ މެޗަކީ، ޗެލްސީގެ ކޯޗް މައުރީޒިއޯ ސާރީއަށް ހިތްދަތި ބައްޔެކެވެ. މިއީ ޕްރިމިއާ ލީގްގެ މަޝްހޫރު ވަރުގަދަ ހަ ޓީމުގެ ކުރިމަތިލުންތަކުގައި އޭނާ ބަލިވި ހަތަރު ވަނަ މެޗެވެ.