ދުނިޔެ

އަސާންޖް އެމްބަސީ ބޭނުންކުރީ ޖާސޫސް ކުރަން

ޖޫލިއަން އަސާންޖް އެކްއަޑޯރުގެ އެމްބަސީ ބޭނުން ކުރަމުން ދިޔައީ ޖާސޫސް ކުރާ އިދާރާއެއްގެ ގޮތުގައި ކަމަށް އެކްއަޑޯގެ ރައީސް ވިދާޅުވެއްޖެ އެވެ.

އެކުއަޑޯގެ ރައީސް ލެނިން މޮރޭނޯ ވިދާޅުވަނީ ވިކިލީކްސް ގެ ބާނީއަށް 7 އަހަރު ވަންދެން ދިން ހިމާޔަތް އުވާލަން ޖެހުނީ އަސާންޖް ގެ އަމިއްލަ މައްސަލަތައް ގިނަވުމުން ކަމަށާއި އެ ނިންމުމަށް އެހެން އެއްވެސް ފަރާތަކުން ނުވަތަ ގައުމަކުން ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށެވެ.

ދެހާސް ސަތާރަ ވަނަ އަަހަރު އެކްއަޑޯގެ ވެރިކަމާ ހަވާލުވެވަޑައިގެން ހުންނެވި ރައީސް މޮރޭނޯ އެ ގައުމުން އަސާންޖަށް ދީފައިވާ ހިމާޔަތް އުވާލުމާއި ގުޅޭގޮތުން ވިދާޅުވަނީ، އެ ގައުމުގެ ކުރީގެ ސަރުކާރުން އެހެން ގައުމުތަކުގެ ކަންތަކަށް ބާރު ފޯރުވުމަށްޓަކައި އެމްބަސީ ތެރޭގައި މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"އެއްވެސް ގައުމެއް ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލަން އުޅުމަކީ އަހަރެމެން އެކަމާ ދެކޮޅު ހަދާ ކުށްވެރި ކުރާނެ ކަމެއް. ސަބަބަކީ އަހަރެމެން ވެސް މިއީ ތަހުޒީބު ވެފައިވާ ގައުމަކަށް ވެފައި އެހެން ގައުމުތަކުގެ ސިޔާސަތައް އިހްތިރާމް ކުރާ ބަޔަކަށް ވާތީ. އަދި އަހަރެމެން ކޮންމެ ގައުމަކަށް ހުޅުވާލަން އިންނަ މައި ދޮރު ޖާސޫސްކުރާ އިދާރާއަކަށް ހަދަން ދޫކޮށެއް ނުލެވޭނެ،" އެ މަނިކުފާނު ގާޑިއަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އަސާންޖްގެ ސާފުތާހިރުކަމާމެދު އެ މަނިކުފާނު ހިތްހަމަނުޖެހުން ފާޅުކޮށްފައި ވާއިރު މީގެ ހަފުތާއެއް ކުރިން އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު މަރީއާ ޕައޮލޯ ރޮމޯ ވިދާޅުވަނީ އަސާންޖްއަށް އަޅައިލުމަށް އެމްބަސީގައި ބައިތިއްބާފައި ތިބޭ މީހުންނަށް ކެނޑިނޭޅި އަސާންޖް ގެ އުނދަގޫތައް ކުރިމަތި ކުރުވާ ކަމަށެވެ. އަދި އެކި ބާވަތުގެ އުނދަގޫ އެމްބަސީގައި ތިބި މީހުންނަށް ކޮށްފައިވާ ކަމަށެވެ.

އަސާންޖްގެ ދިފާއުގައި ވާހަކަ ދައްކަމުން އޭނަގެ ވަކީލު ޖެނިފާ ރޮބިންސަން އެ ވާހަކަތައް ސިފަކުރަނީ، އެކްއަޑޯ އިން އަސާންޖް އަށް ދީފައިވާ ހިމާޔަތް ގާނޫނާއި ހިލާފަށް އުވާލައި އިނގިރޭސި ފުލުހުން އެމްބަސީއެއް ތެރެއަށް ވައްދައި ހިމާާޔަތް ދީފައިވާ މީހަކު ހައްޔަރު ކުރަން ހުއްދަ ދިނުމަށްފަހު އަމިއްލަ ނަފްސު ދިފާއުކުރަން ދައްކާ ދޮގު ވާހަކަތަކެއްގެ ގޮތުގަ އެވެ.

ރޮބިންސަން ބުނާގޮ ތުގައި 47 އަހަރުގެ އަސާންޖަށް މި މައްސަލަ ދިމާވާނެކަން މާކުރިން ވެސް ވަނީ ލަފާ ކޮށްފަ އެވެ.