ހަބަރު

ނިއުޕޯޓް ހުސް ކުރަން މިނިސްޓްރީގެ އިންޒާރު!

ނިއު ޕޯޓް ވިއު ހިންގަމުން ގެންދަނީ ގާނޫނާ ހިލާފަށް ކަމަށާއި ގާނޫނުން އަންގާފައިވާ ގޮތަށް އެތަން ހުސްކުރާނެ ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓަރަކްޗާ މިނިސްޓްރީން ބުނެފި އެވެ.

ބްރިޖްގެ މަސައްކަތްތައް ނިމެންދެން އެތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާލައި އެ ސަރަހައްދުގައި ވަގުތު ހޭދަކޮށްލާނެ ޕްލެޓްފޯމެއް ހެދުމަށާއި ރެސްޓޯރެންޓެއް ހިންގުމަށް 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހަވާލުކޮށްފައި ވަނީ ސްޓާރާޑާ ކުންފުންޏާ އެވެ. އެކުންފުންޏާއި ހަވާލުކުރީ ތިން އަހަރަށެވެ. ނަމަވެސް ފަހުން ވަނީ އެ މުއްދަތު އަށް އަހަރަށް އިތުރުކޮށްފަ އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، އެ އެއްބަސްވުމުގެ ދަށުން ދައްކަން ހަމަޖެހިފައިވާ ކުލި މިދިޔަ އަހަރުގެ ޑިސެމްބަރު ފެށިގެން ދައްކަވާފައިނުވާ ކަމަށެވެ. އެގޮތުން މިނިސްޓްރީއަށް ލިބިފައިވާ އިހުތިޔާރުގެ ދަށުން މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ހަވާލުކޮށްފައިވާ ބިން
ހުސްކޮށް މިނިސްޓްރީއާ ހަވާލުކުރަން އަންގާފައިވާ ކަމަށެވެ.

"... ވުމާއެކު މިހާރު ސްޓްރާޑް ޕްރައިވެޓް ލިމިޓެޑް އިން އެސަރަހައްދުގައި ފުޑް އައުޓްލެޓް ހިންގަވަމުން ގެންދަވަނީ ގަވާއިދާއި ހިލާފަށްކަމުގައި ދަންނަވަން،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، ބިން ހުސްކުރަން މިނިސްޓްރީގެ ފަރާތުން ދީފައިވާ މުއްދަތުގައި ބިން ހުސްކޮށްފައިނުވާތީއާ އެބިމުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާތީވެ، ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކުގައި އޮންނަ އުސޫލުތަކުގެ މަތިން އެތަން ހުސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.