ދުނިޔެ

ބަޝީރުގެ ވެރިކަން ނިމުނަސް ސޫދާނު ހަމައެއް ނުޖެހޭ!

ސޫދާނުގެ ޓްރާންސިޝަނަލް މިލިޓަރީ ކައުންސިލުން މިހާރު ބުނަނީ އެ ގައުމުގައި ކުރިއަށްދާ މުޒާހަރާތައް ރޫޅާނުލާނެ ކަމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މުޒާހަރާތައް ކުރިޔަށްދާއިރު ސޫދާނުގެ ކުރީ ސަރުކާރުގެ އިސް ބައެއް ބޭފުޅުން މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ.

ކުރީގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އަވަހަށް ބޮޑުވަޒީރަކު ހޮވަން ބާރުއެޅުމުން މިލިޓަރޫ ކައުންސިލްގެ ތަރުޖަމާނު ވިދާޅުވަމުން ގެންދަވަނީ "އެކަމުގައި އެހީތެރިވާނެ" ކަމަށެވެ.

ތިރީސް އަހަރު ވަންދެން ވެރިކަން ކުރެއްވީ ކުރީގެ ރައީސް އުމަރު އަލްބަޝީރު މަގާމުން ދުރުކޮށްފައި ވަނީ ދިގު މުޒާހަރާތަކަކަށް ފަހު އެވެ. ނަމަވެސް މަދަނީ ސަރުކާރެއް ގާއިމް ކުރަންދެން މުޒާހަރާ ކުރުން ހުއްޓާނުލާނެ ކަމަށް ބުނެ އެ ގައުމުގެ ރައްޔިތުން ވެރިކަން ކުރާ ރަށް ޙަރްތޫމްގައިވާ ޑިފެންސް މިނިސްޓްރީ ކުރިމަތީގައި އިށީނދެގެން ތިބެ ދަނީ މުޒާހަރާއެއް ކުރަމުން ނެވެ.

މުޒާހަރާ ކުރަން ތިބި މީހުންގެ ތެރެއަށް މިދިޔަ ހުކުރު ދުވަހު ބަޑިޖެހުމުން 16 މީހަކު މަރުވެ 20 މީހަކަށް އަނިޔާވެފައިވާކަމަށް ރޮއިޓާސް އާއި އަލްޖަޒީރާގެ ރިޕޯޓުތައް ބުނެ އެވެ.

މިލިޓަރީ ކައުންސިލް ބުނަނީ ކީކޭ؟

އާދީއްތަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި މިލިޓަރީ ކައުންސިލްގެ ތަރުޖަމާން މޭޖާ ޖެނެރަލް ޝަމްސުއްދީން ޝަންތޯ ވިދާޅުވީ މަދަނީ ސަރުކާރެއް ގާއިމް ކުރަން އެހީތެރި ވެދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

"ބޮޑުވަޒީރު އައްޔަން ކުރާނީ އަހަރެމެންނެއް ނޫން، އެމީހުން"، އިދިކޮޅު ޕާޓީތަކަށް ނިސްބަތް ކުރަމުން ތަރުޖަމާނު ވިދާޅުވި އެވެ.

ޝަންތޯ ވިދާޅުވާ ގޮތުގައި މުޒާހަރާ ރޫޅާލަން އެއްވެސް ކަމެއް ނުކުރާާނެ އެވެ. ނަމަވެސް އާންމު ދިރިއުޅުމަށް ފުރުސަތު ދީ މަގުތައް ބަންދު ނުކުރުމަށް އިލްތިމާސް ކުރާނެ އެވެ. އަދި ސުލްހަވެރިކަން ނަގާލަން ފުރުސަތެއް ނުދޭނެ ކަމަށްވެސް އޭނާ ވިދާޅުވެ އެވެ.

މިލިޓަރީ ކައުންސިލުން މިހާތަނަށް ނިންމާފައިވާ ނިންމުންތަކުގެ ތެރޭގައި އަސްކަރިއްޔާ އާއި ފުލުހުންގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުން ހިމެނެ އެވެ.

ބާރުގަދަ ނެޝަނަލް އިންޓެލިޖަންސް އެންޑް ސެކިއުރިޓީ ސާވިސް (އެންއައިއެސްއެސް) ހިންގެވުމާ ހަވާލުވެ ހުންނެވި ސަލާހް އަބްދުﷲ ގޮޝް ވެރިކަން ވެއްޓުނުތާ 24 ގަޑިއިރު ނުވަނީސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މުއައްސަސާ ހިންގެވުމަށް ވެސް ބޭފުޅަކު އައްޔަންކޮށްފައި ވެއެވެ.

ކުރީގެ ސަރުކާރުން ހިންގި ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރާ ކޮމިޓީއެއް އެކުލަވާލާފައިވާއިރު މީޑިއާގެ ފިއްތުންތަކާއި ސެންސަރު ކުރުން އުވާލުމަށް ފަހު މުޒާހަރާ ތެރޭގައި އާންމުންނަށް އެއްބާރުލުން ދިނުމުން ހައްޔަރު ކޮށްފައިވާ ފުލުހުންނާއި ސިފައިން ވަނީ ދޫކޮށްލާފައި ވެއެވެ.

މީގެ އިތުރުން އެމެރިކާ އާއި އދ. އަށް ކަނޑައަޅާފައިވާ މަންދޫބުންވެސް ވަނީ މަގާމުތަކުން ވަކިކޮށްފަ އެވެ.

ސުދާންގައި މިވަނީ ކިހިނެއް؟

މުޒާހަރާތައް ފެށިގެން އައީ ދިރިއުޅުމުގެ އަގު ރައްޔިތުންނަށް އަތް ނުފޯރާފަށަށް ދިއުމުންނެވެ. މިގޮތުން ފެށުނު މުޒާހަރާ ފުޅާވެގެން ދިޔައީ ރައީސް އަލް ބަޝީރުގެ ހުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލަމުން ނެވެ. ތިރީސް އަހަރުގެ ވެރިކަން ނިމުމަކަށް ގެނެވި ކުރީގެ ރައީސް މިލިޓަރީ ހައްޔަރުގެ ދަށަށް ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ނަމަވެސް ރައްޔިތުން ބޭނުންވަނީ މިލިޓަރީ ސަރުކާރެއް ނޫން ކަމަށާއި މަދަނީ ސަރުކާރެއް ކަމަށް ބުނެ މުޒާހަރާތައް ހުއްޓައެއް ނުލަ އެވެ.

އަލްބަޝީރް އަށްފަހު ބާރުތައް ނެންގެވި އެ ގައުމުގެ ޑިފެންސް މިނިސްޓަރު އަދި ސެކިއުރިޓީ ޗީފް ސަލާހް ގޮޝް އިސްތިއުފާ ދެއްވުމުން ކައުންސިލްގެ އިސް ބޭފުޅަކަށް އައްޔަން ކޮށްފައިވަނީ ލެފްޓިނެންޓް ޖެނެރަލް އަބްދުލް ފައްތާހު އަބްދުލްރަޙްމާން ބުރްހާނެވެ.

ހޮނިހިރު ދުވަހު ގައުމާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ޖެނެރަލް ބުރްހާން ކުރީގެ ސަރުކާރު އެއްކޮށް މުލުހުން ލުހެލާނެ ކަމަަށް ވައުދުވެ ވަޑައިގަންނަވަމުން ވިދާޅުވަނީ އިންސާނީ ހައްގުތަކަށް އެއްބާރުލުން ދެއްވާނެ ކަމަށާއި މިހާރު ގައުމުގައި އޮތް ކާފިއު ނިމުމަކަށް ގެނެސް ހައްޔަރު ކޮށްފައިވާ ހުރިހާ ސިޔާސީ ބޭފުޅުން ވެސް ދޫކޮށްލާނެ ކަމަށެވެ.

މުޒާހަރާ ކުރަން ތިބި ބައެއްގެ ގަޔަށް ބަޑިޖަހާ މަރާލި ބަޔަކު ހޯދާ އެބަޔަކަށް ހައްގު އަދަބު ދޭނެކަމަށް ވެސް ބުރްހާން ވިދާޅުވެފައި ވެއެވެ.

ނަމަވެސް މުޒާހަރާތައް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވާ ސުދާން ޕްރޮފެޝަނަލް އެސޯސިއޭޝަން (އެސްޕީއޭ) އިން އެ ގައުމުގެ ރައްޔިތުންނަށް ބާރު އަޅަނީ ރައްޔިތުން ބޭނުންވާ ކަންތައް ހާސިލް ކުރެވެންދެން މުޒާހަރާތައް ކުރިއަށް ގެންދިއުމަށެވެ.

ކުރީގެ ރައީސް ވީތަނެއް ސިއްރުކޮށްފައިވީ ނަމަވެސް އެ މަނިކުފާނު ހުންނެވީ ރައްކާތެރި ތަނެއްގައި ކަމަށް މިލިޓަރީ ކައުންސިލުން ޔަގީންކޮށް ދެއެވެ.