ރިޕޯޓް

ޕީޕީއެމް ރޫޅާލައި، އަލުން ރާވަނީ ކޮންބައެއް؟

ދެހާސް އެގާރަ ވަނަ އަހަރު އުފެދިގެން އައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ ވުޖޫދުވި ހިސާބުން ފެށިގެން ވެސް ސިޔާސީ ގޮތުން ވަރަށް ކާމިޔާބު ދަތުރެއް ކުރަމުން އައި ޕާޓީއެކެވެ. ކުރު މުއްދަތެއްގެ ތެރޭގައި ގިނަ މެންބަރުންތަކެއް ޕާޓީއާ ގުޅުމުގެ އިތުރުން ޖެހިގެން އައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރީވެސް އެ ޕާޓީ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ބޮޑު މެޖޯރިޓީއަކާ އެކުގައި ސަރުކާރު ހިންގަން ވެސް ލިބުނު ޕާޓީ އެކެވެ. އޭގެ ފަހުން 40،000 އަށް ވުރެ ގިނަަ މެންބަރުންނާއެކު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ފަހުރު ވެސް އެ ޕާޓީއަށް ލިބުނެވެ.

ޕީޕީއެމަށް މިހާރު ޖެހިފައި އޮތް ހާލަކީ ސިޔާސީ މައިދާނުގައި "ރޮކެޓް ސްޕީޑު"ގައި މައްޗަށް އަރައިގެން ދިޔަ ބާރު މިނަށްވުރެ ބާރު މިނުގައި ތިރިއަށް ފައިބައިގެން ގޮސް ވެއްޓިފައި އޮތުމެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމަށް ބޮޑު ނާކާމިޔާބީއެއް ލިބުނެވެ. އެއަށް ފަހުގައި ރިޔާސީ އިންތިހާބުގައި ބަލިވެ، މުޅި ޕާޓީ އުންމީދު ކެންޑިގެން ދިޔަ އެވެ. އަދި މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލަދުވެތި ގޮތަކަށް މުޅި ޕާޓީ އެއްކޮށް ބަލިވެ ސިޔާސީ ގޮތުން ރަނގަޅަށް އިނދަޖެހުނީ އެވެ.

"ފުއްލާގެ ދުވެލީ" ގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ސިފަ ކުރައްވާ ސްޕީޑްގައި އޮތް ޕީޕީއެމް މަޖިލިސް އިންތިހާބަށް "މުސްކުޅި ސާރިދޯޅަ"އެއްގެ ބުރަހެލި ހާލަތަށް ވެއްޓިފައި ވަނިކޮށް މިހާރު އިވެނީ ޕާޓީ ރޫޅޭ އަޑާއި ޕާޓީގެ ބައިތައް ރުޅާ އަޑު އަޑާއި ވާހަކަ އެވެ. ޕީޕީއެމްގެ އެންމެ އިސް ފަރާތްތައް އަމިއްލައަށް ލީޑާޝިޕުން އިސްތިއުފާ ދެއްވުމާއި ޕީޕީއެމްގެ ކައުންސިލް ބައެއް މެންބަރުން ޕާޓީގެ ލީޑާޝިޕްގެ އިސްތިއުފާއަށް ގޮވާލާަ އަޑުތަކެވެ.

އެންމެ ހައިރާން ކުރުވަނިވި ވާހަކައަކަށް އައި އާންމު މެންބަރުން އެދޭ ނަމަ އެ ޕާޓީގެ "ތަރައްގީގެ ބާނީ" ރައީސް ޔާމީން ވެސް ލީޑަޝިޕާ ދުރަށް ޖެހިވަޑައިގަންނަވަން ތައްޔާރަށް ހުރި ކަމުގެ އަޑުތަކެވެ.

ޕީޕީއެމްގެ ވައިބާ ގްރޫޕުތަކުން މިހާރު ލީކުވާ އަޑުތަކުގެ ހަގީގަތަކީ ޕީޕީއެމްގެ ފޫވެއްޓިފައިވާ ކަމުގެ ހެއްކެކެވެ. މިހާރު އާންމުންގެ ތެރޭގައި އުފެދިފައި އޮތް އެއް ސުވާލަކީ ޕީޕީއެމްގެ ވަރުގަދަ ލެގަސީ ނިމިގެން ދަނީ ހެއްޔެވެ؟ ނޫނީ އާ ލީޑާޝިޕަކީ ކޮބައި ހެއްޔޭ އެވެ؟

"ޕީޕީއެމްއަކީ ރައީސް މައުމޫނޭ ބުނެވޭ ދުވަސްތަކެއް ވެސް ދިޔަ، އެ ޕާޓީގެ ފޮލޮވާޒްއަކީ ވެސް ރައީސް މައުމޫންގެ ސަޕޯޓަރުން. ނަމަވެސް މިއަދު އެކަން ބަދަލުވެއްޖެކަން ވަނީ ހާމަވެފައި. ޕީޕީއެމަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އުފެދިގެން އައި މުޅިން އާ ފިކުރެއް. ތަރައްގީގެ ފިކުރެއް، އެއީ ސީދާ ރައީސް ޔާމީންގެ ފިކުރު، އެހެންކަމުން އެމަނިކުފާނު އެހާ ހާލުން އަނބުރާ ހޯއްދެވި ޕާޓީއެއް ދާއިމީކޮށް ދޫކުރައްވާ ވަޑައިގަތުމަކީ ސިޔާސީ މަސައްކަތުން ރިޓަޔާވުން،" ސިޔާސީ ތަޖުރިބާކާރަކު ވިދާޅުވި އެވެ. "ލީޑާޝިޕް ބަދަލު ވެދާނެ ރައީސް ޔާމީން ބަދަލު ވެދާނެ ތަނެއް އަދި ނުފެނޭ،"

ޕީޕީއެމްގެ ފެއިލިއާތަކަށް ބަލާއިރު 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ނާކާމިޔާބު ވުމުގެ އުުޒުރެއް ކަމަށް ޕާޓީގެ ލީޑާޝިޕް އިން ދެއްކީ އެ ދުވަސްވަރު ޕާޓީ ދެ ފެކްޝަނަކަށް ބެހިގެން ގޮސްފައި އޮތް އޮތުމެވެ. އަދި ޕާޓީގެ ތެރޭގައި އޭރުގެ ފަސްޓްލޭޑީ މެޑަމް ފާތުމަތު އިބްރާހިމްގެ ބާރު ގަދަވެފައި އޮތުމެވެ.

ރިޔާސީ އިންތިހާބުގައި ވެސް ލިބުނު ބޮޑު ނާކާމިޔާބިއާއެކު ލީޑާޝިޕް ބަދަލު ކުރާ ވާހަކަ ފެށުނެވެ. އަންނާނެ މައްސަލަތަކަށް ބަލައިގެން އޭރު "އާދަޔާ ހިލާފު" ކޮންގްރެސް ބާއްވާ އަލުން ޕާޓީގެ ލީޑަޝިޕަށް ވަޑައިގަތީ ވެސް ފެއިލްވި ލީޑާޝިޕްގައި ހިމެނި ވަޑައިގަންނަވާ ފަރާތްތަކެވެ. ޖެހިގެން އައި މަޖިލިސް އިންތިހާބުގެ ތެރޭގައި ވެސް ޕީޕީއެމް ބައިބައިވެގެން ދިޔުމުގެ ބޮޑު އެއް ސަަބަބަކީ ވެސް އެ މައްސަލަ އެވެ.

މިއަދު އެ ހުރިހާ ކަމެއް ބެކް ފަޔާ ވެގެން އަންނަ އިރު ދައްކާނެ އިތުރު ބަހަނާއެއް ޕީޕީއެމަކަށް ނެތެވެ. މަޖިލިސް އިންތިހާބުގައި ޕީޕީއެމްގެ ބޮޑު ޖަލްސާއެއް އިންތިޒާމެއް ނުކުރެ އެވެ. ޕާޓީގެ އިސް ފަރާތްތައް ރަށްރަށަށް ދަަތުރު ކުރައްވާ ކެމްޕެއިނެއް ނުކުރެ އެވެ. ކެންޑިޑޭޓުންގެ ފޭސްބުކް ޕޭޖުން ފެންނަ ފެންނަ ކުދިކުދި ލައިވްތަކުން ނޫނީ ޖަލްސާއެއް ބާއްވާާ ކަމެއް ނޭނގެ އެވެ. މުޅި ޕާޓީގެ ހިންގުން ދިޔައީ ގޯހުން ގޯހަށެވެ.

"ރައީސް ނަޝީދު ކެމްޕެއިން ކުރެއްވި ގޮތަކަށް ރަށް ރަށަކަށް ރައީސް ޔާމީނަކަށް ވަޑައެއް ނުގަނެވުނު، އެމަނިކުފާނު ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރައްވާފައި މިނިވަންވީ އިންތިހާބުގެ ކެމްޕެއިން ނިމެން އުޅެނިކޮށް. އެމަނިކުފާނު ނެތް ތަނެއްގައި ޕީޕީއެމްއަކީ ގާވެފަ އޮތް ޕާޓީއެއް، ލީޑާޝިޕް ބޮޑުތަނުން ފެއިލް. އެއްވެސް ބަހަނާއެއް ދެއްކޭކަށް ނެތް،" ޕީޕީއެމް ބަލިވި ސަބަބާ ގުޅޭ ގޮތުން އެ ޕާޓީގެ މެންބަރަކު ވިދާޅުވި އެވެ.

ލީޑާޝިޕަށް ފައި ނަގައިގެން ތިބީ ކޮން ބައެއް؟

ޕީޕީއެމް ނޫނަސް އެ ޕާޓީގެ ވިސްނުމުގައި ނުވަތަ އެ ޕާޓީގެ ފިކުރުގައި އަދި ބައެއް ފަހަރަށް ޕީޕީއެމަށް ވުރެ ބޮޑަށް އިދިކޮޅު ރޯލު ކުޅުއްވާ ފަރާތްތައް ވެސް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެ އެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ރައީސް ޔާމީންގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އަދި މަޖިލިސް އިންތިހާބުގެ ތެރޭގައި ޖުމްހޫރީ ޕާޓީން ވެސް އައީ އެފަދަ ރޯލެއް ކުޅެމުންނެވެ. ރައީސް ޔާމީނާ ދެކޮޅު ކަމަށް ބުންޏަސް ޕީޕީއެމާ "އެއްގަލެއް" ގަ އެވެ.

އިންތިހާބު ނިމުމާއެކުގައި އިވިގެން ދިޔައީ އުމަރާއި ރައީސް ޔާމީންގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމުގައި ވެސް ހުންނެވި ޑރ. މުހަައްމަދު ޖަމީލު އަހުމަދު ޕީޕީއެމްއާ ގުޅި ވަޑައިގަތުމަށް ޝައުގުވެރިވެވަޑައިގަންނަވާ ވާހަކަ އެވެ. އެކަން ރައީސް ޔާމީން ކައުންސިލާ ހިއްސާ ކުރެއްވި އެވެ. މިހާތަނަށް އެ ދެ ބޭފުޅުން ވެސް އެކަން ޑިނައި ކުރައްވާފައެއް ނުވެ އެވެ.

މީގެ ތެރެއިން ފުރަތަމަ އުމަރަށް ބަލާލަމާ ހިނގާށެވެ. އެއީ ފުރަތަމަ ޗޮއިސްއަށް ވަނީ އޭނާއަކީ ޕީޕީއެމް އުފެއްދުމުގަ އާއި އެ ޕާޓީގެ ލީޑާޝިޕްގައި ބޮޑު ރޯލެއް އަދާ ކުރައްވާފައިވާ ބޭފުޅަކަށްވާތީ އެވެ. އަދި އެއީ އެ ޕާޓީގެ އާންމު މެންބަރުންގެ ވަރަށް ބޮޑު ތާއީދެއް އޮންނަ ބޭފުޅެކެވެ. މަޖިލިސް އިންތިހާބުގައި ވެސް ޕީޕީއެމް ކެމްޕެއިން ޖަލްސާތަކުގެ ޝަރަފުވެރި މެހެމާނަކަށް ވެވަޑައިގަތުމުގެ އިތުރުން އޭނާއަކީ ޕީޕީއެމްގެ ފިކުރާ އެއްގޮތް އެތައް މައްސަލައެއްގައި ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

އެ ހުރިހާ ކަމަކަށް ވުރެ ބޮޑަށް އުމަރަކީ ދެ ގޮތެއް ނުވެ ސީދާ އެމްޑީޕީއާ އިދިކޮޅު ފިކުރުގެ ބޭފުޅެކެވެ. އޭނާ ކުރިން ވިދާޅުވެފައިވާ ގޮތުން ޕާޓީއެއް ހިންގަން ނޫން ގޮތަކަށް ދެން އެހެން ޕާޓީއަކާ އޭނާ ގުޅިވަޑައެއް ނުގަންނަވާނެ އެވެ. އަދި މިހާރު ޕީޕީއެމްގެ ލީޑާޝިޕަށް ވަޑައިގަތުމަށް އޭނާ ޝައުގުވެރިވާ ހަބަރު ފެތުރުމާއެކު އެ ވާހަކަވެސް ދޮގު ކުރައްވާފައި ނުވެ އެވެ.

ޖުމްހޫރީ ޕާޓީއަކީ ވެސް ޕީޕީއެމްއެކޭ އެއްފަދައި މި ދުވަސްވަރު ނާޒުކު ފައްތަރެއްގައި އޮތް ޕާޓީއެކެވެ. ޕާޓީ އެ ހާލަތަށް ޕާޓީ ވެއްޓިގެން ދިޔައީ މަޖިލިސް އިންތިހާބުގެ ތެރޭގައި ސަރުކާރު ކޯލިޝަނަށް "ބޭވަފާތެރިވެ ވެގެން" ކަމަށް ގަބޫލު ކުރާ ގިނަ މެންބަރުން އެބަތިއްބެވެ. އެހެންކަމުން ޖޭޕީއާ ސަރުކާރު ކޯލިޝަންގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ހާއްސަކޮށް އެމްޑީޕީއާ ދެކޮޅަށް ކެމްޕެއިންގައި ޖޭޕީ އިން ހަނގުރާމަ ކުރަމުން ދަނިކޮށް އެ ޕާޓީއިން މަޖިލީހުގެ ސުޕް މެޖޯރިޓީ ދަމައިގަތުމުން އަނެއްކާ ވެސް ޖޭޕީ އޮތީ "ސަލާން ޖަހާ" ހާލަތުގައި ނާށިގަނޑު ހިފައިގެނެވެ.

އެފަދަ ހާލަތެއްގައި ވަނިކޮށް އެ ޕާޓީގެ އިސް ފަންތީގެ ބޭފުޅަކު ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ޝައުގުވެރިކަން ފާޅު ކުރެއްވުމަކީ އެއީ ކުޑަ ކަމަކަށް ނުވާނެ އެވެ.

"އެއް ޕާޓީއަށް އެހާ ބޮޑު އަޣުލަބިއްޔަތެއް ލިބުމަކީ ދެން ހުރި މައިނޯރިޓީ ހުރިހާ ޕާޓީތަކުން ވެސް އެއްގަލަކަށް އަރަން ލިބޭ ބާރަކަށް ވާނެ، ހާއްސަ ގޮތެއްގައި ފިކުރުގެ ގޮތުން އެހާ ތަފާތު ޕާޓީއަކަށް އެފަދަ ބާރެއް ލިބޭ ނަމަ ދެން ހުރި ޕާޓީތައް އެއް ގަލަކަށް އަރާނެ،" ތަޖުރިބާކާރަކު ވިދާޅުވި އެވެ.

ހަގީގަތުގައި މިއަދު ޕީޕީއެމް އިން ފެންނަމުން އަންނީ ފަހަރަކު މަޑުލެއް ނެއްޓި ރޫޅިގެން ދާ މަންޒަރެވެ. ނަަމަވެސް އެއީ އިދިކޮޅު އެއްކޮށް ނެތިގެން ދިޔުމަކަށް ނުވެދާނެ އެވެ. އޭގެ ބަދަލުގައި އެކީ އެކައްޗަކަށް ނިކުތުމަށް ޕާޓީ އާރާސްތުކޮށް އާ ގޮތްތަކެއް ހިޔާލު ކުރަނީ ކަމަށް ވެދާނެ އެވެ. ޕޮލިޓިކަލް ލޭންޑްސްކޭޕަށް އަންނަ މުފަދަ ގިނަ ކަންކަން އެނގިގެން ދާނީ އާ މަޖިލީހުގެ ޖަލްސާތަައް ފެށޭ ހިސާބުގަ އެވެ.