ހަބަރު

ގުގުރުމާއެކު ބައެއް ހިސާބުތަކަށް ރޭ ބޯކޮށް ވާރޭ ވެހިއްޖެ

ރާއްޖެއަށް ވާރޭ ނުވެހި ގިނަ ދުވަސްވެ އަދި އާދަޔާ ހިލާފަށް ހޫނު ގަދަވެފައިވާތީ އިއްޔެ މެންދުރު މުޅި ރާއްޖޭގައި އިސްތިސްގާ ނަމާދުކޮށްފައި ވަނިކޮށް ރޭ މާލެ އާއި ރާއްޖޭގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހިއްޖެ އެވެ.

އިއްޔެގެ އިސްތިސްގާ ނަމާދަށް ފަހު ވެސް ކޮންމެވެސް ވަރަކަށް ވިއްސާރައިގެ އަސަރު މާލެއަށް އިއްޔެ ކުރި އެވެ. އަދި ފަހުން ރޭ 11:30 އެހާކަންހާއިރު މާލެއަށް ތުނިތުނިކޮށް ވާރޭ ވެހުނެވެ.

އޭގެ ފަހުން މެންދަމު 3:30 ގައި ގުގުރުމާއެކު ކޮޅިގަނޑެއް އައިސް ބޯކޮށް މާލެއަށް ވާރޭ ވެހެން ފެށި އެވެ. އޭގެ ފަހުން ރޭ ފަތިހު 4:00 އެހާ ކަންހާއިރު ހުޅުމާލެއަށް ވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުނެވެ. މާލެއަށް ވާރޭ ވެހުން ހުއްޓާލާފައި ވަނީ 4:30 ވެސް ވީ ފަހުންނެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ބައެއް އެހެން ރަށްތަކަށް ވެސް ރޭ މެންދަމު އެކި މިންވަރަށް ވާރޭ ވެހުނެވެ.

މިހާރު އާންމުކޮށް ކޮންމެ ދުވަހަކު މާލޭގެ ފިނި ހޫނު މިން ހުންނަނީ 31 ޑިގްރީ ސެލްސިޔަސްގަ އެވެ. އިރުވައި މޫސުމުގެ ގަދަ ހޫނާއެކު ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ވަނީ އެކަމަށް ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ.

މާލެއަށް އެންމެ ފަހުން ބޯކޮށް ވާރޭ ވެހިފައި ވަނީ މިދިއަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު އެވެ. އެ ދުވަހު މުޅު މާލޭގައި ފެން ބޮޑުވި އެވެ.