ދުނިޔެ

ނޮޓްރަޑާމް ފައްޅި އަނދައި ބޮޑެތި ގެއްލުން

ފްރާންސްގެ އެންމެ މަޝްހޫރު ފައްޅި އަދި ޔޫރަޕްގެ އެންމެ އާސާރީ އެއް ބިނާ ކަމަށްވާ ނޮޓްްރަޑާމް ކެތީޑްރަލްގައި ރޯވެ އެތަނަށް ބޮޑެތި ގެއްލުންތައް ވެއްޖެ އެވެ.

ދުނިޔޭގައި 850 އަހަރުގެ ދިގު ތާރީހެއް ރަމްޒުކޮށްދޭ ފައްޅީގައި ރޭ ރޯވި އަލިފާންގަނޑު 400 އަލިފާންނިވާ މީހުންގެ އެހީގައި ނިވާލަން ކުރި މަސައްކަތް ކާމިޔާބުވެފައި ވަނީ ރޯވިތާ ނުވަ ގަޑިއިރު ވީފަހުން ނެވެ.

އެ އިމާރާތް ބިމާހަމަވުމުގެ ކުރިން އަލިފާންގަނޑު ނިވާލެވުނު ނަމަވެސް އިމާރާތުގެ ލަކުޑިން ހަދާފައިވާ ފުރާޅާއި އުސް ދެ ޓަވަރު ވަނީ ވެއްޓިފަ އެވެ.

ޕެރިހުގެ ފަޔާ ޗީފް ޖީންކްލޯޑް ގަލެޓް ވިދާޅުވި ގޮތުގައި އިމާރާތުގެ އޮނިގަނޑާއި ދެ ބެލް ޓަވަރާއެކު ކެތީޑްރަލްގެ ބޮޑުބައެއް ވަނީ ސަލާމަތް ކުރެވިފަ އެވެ.

ފްރާންސްގެ ރައީސް މެކްރޮން ވިދާޅުވީ މި ބިނާ އަލުން ތަރައްގީ ކުރުމަށް ގައުމީ ފެންވަރުގައި އެހީ ބޭނުން ވާނެ ކަމަށެވެ.

ހޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާ ހަޔެކްގެ ފިރިމީހާ ފްރެންޗް ބިލިއަނަރު ފްރަންސްވާ ޕީނޯ ވަނީ މި އިމާރާތް އަލުން ބިނާ ކުރުމަށް 113 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާކޮށްފަ އެވެ.

ނޮޓްރަޑާމް ކެތީޑްރަލްގައި ރޯވުމަށް މެދުވެރިވި ސަބަބެއް މިހާތަނަށް އެގިފައި ނުވިނަމަވެސް އެ އިމާާރާތުގެ ބައިތައް އާކުރުމަށް ކުރަމުން ގެންދިޔަ މަސައްކަތާއި އަލިފާނުގެ ހާދިސާއާއި ގުޅުމެއް ހުރުން އެކަށީގެން ވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.