ހަބަރު

މަޖީދިއްޔާއިން ވަޅުލި ޓައިމް ކެޕްސްލް ގެއްލިއްޖެ!

Apr 16, 2019
9

މަޖީދިއްޔާ ސުކޫލަށް 65 އަހަރު ވެގެން އެ ސްކޫލްގެ ގޯތި ތެރޭގައި ވަޅުލި "ޓައިމް ކެޕްސޫލް" ގެއްލިފައިވާ ކަމަށް ބުނަން ފަށައިފި އެވެ.

މަޖީދިއްޔާއަށް ނިސްބަތްވާ ވަރަށް ގިނަ އަދަދެއްގެ ތަކެއްޗާއި ލިޔުން ވެސް އެ ޓައިމް ކެޕްސުލް ވަޅުލާފައިވަނީ 1992 އަހަރު އެވެ. އެއީ މަޖީދިއްޔާއަށް 65 އަހަރު ވުމުގެ މުނާސަބަތުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން 2500 ލީޓަރުގެ ކަޅުހަމެއް ވަރުގެ ޓައިމް ކެޕްސޫލެކެވެ. އޭރު އެ ކެޕްސޫލް ވަޅުލާފައިވަނީ 100 އަހަރަށެވެ.

ކެޕޫސޫލާ ގުޅުންހުރި އޮފިޝަލަކު "އަވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަޖީދިއްޔާގެ ޓައިމް ކެޕްސުލް ވަޅުލާފައި އޮތް ތަނުގައި މިހާރު ނެތް ކަމަށާއި އެ ޓައިމް ކެޕްސުލް މީގެ ހަތަރު ވަރަކަށް މަސް ކުރިން އެއްލާލާފައިވާ ކަމަށް އެތަނުގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ލިބިފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓައިމް ކެޕްސުލް ވަޅުލާފައިވަނީ މަޖީދިއްޔާ ދެ ބަޔަށް ބެހުމުގެ ކުރިން ކަމަށާއި ބެހުމަށްފަހު ޓައިމް ކެޕްސުލް ހިމެނޭ ބައި ހިމެނުނީ ދަރުމަވަންތައަށްވީ ބައިގައި ކަމަށެވެ. އަދި ފަހުން ޓައިމް ކެޕްސުލް ނަގައިގެން މަޖީދިއްޔާގައި އަލުން ވަޅުލަން ވެސް ވާހަކަ ދެކެވުނު ކަމަށެވެ.

"ސުކޫލުގެ ކުރީގެ މުސްކުޅި ލިޔުންތަކާއި ހުރިހާ ޓީމެއް، ފުޓްބޯޅަ، ވޮލީ، ހުރިހާ ޓީމެއް ސޮއި ކޮށްފައި ލިޔުންތައް އެއަށްލީ، ބައެއް ކަހަލަ ސިޓީވެސް، ޓްރޮފީތަކާއި ބޭންޑް އިންސްޓްރަމަންޓުން ލާފަ ހުންނާނީ، އެއެއްޗެހި ރެޕް ކުރެވިފައިވަނީ ހަލާކުނުވާ ގޮތަށް، ބޭރުން ކެމިކަލްވެސް ގެނެސް ލާފައި އޭތި ވަޅުލީ،" އޭނާ ބުންޏެވެ.

މަޖީދިއްޔާ ސުކޫލުގެ އޮފިޝަލަކު އަވަސްއަށް މިއަދު ވިދާޅުވީ ކެޕްސޫލް ގެއްލިފައިވާކަން ސާފު ކުރަމުން ގެންދާ ކަމަށެވެ. އެކަމާ ގުޅޭ ބައިވަރު ސުވާލުތަކެއް އެބަހުރި ކަމަށާއި އެކަން އިތުރަށް ބަލަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޖީދިއްޔާ ސްކޫލަށް ނިސްބަވާ އަދި ކެޕްސޫލް ވަޅުލުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅަކު ވިދާޅުވީ ކެޕްސޫލް ވަޅުލި ގޮތަށް އެބައޮތްތޯ ސުވާލު އުފެދިގެން އެތަން ޑެމޮލިޝް ކުރަން ހަވާލު ކުރި މީހުނާ ސުވާލު ކުރުމުން ކެޕްސޫލެއް އިންނާނެ ކަމަށް އެންގި ކަމަށާއި އެކަމަކު ސީދާ ތަނެއް ބުނެފައި ނެތް ކަމަށެވެ. އޭގެ ފަހުން އޭގެ ފަހުން މަސައްކަތުގައި ބޭނުން ކުރި ބޮޑު އެކްސްކަވެޓަރެއް ގަނބައިގެނެގެން ބިން އެއްވަރު ކުރަން ގާކުނޑި އެޅި ކަމަށާއި އަދި ފަހުން އެ ގާކުނޑިއާއެކުގައި ތިލަފުއްޓަށް އެބައިތައް ގެންގޮސް އުލާލީ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.