ހަބަރު

މައުމޫން، ރައީސް ސޯލިހާ ބައްދަލު ކުރައްވައިފި

Apr 16, 2019
12

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައި ކޯލިޝަންއާ ގުޅޭ މަޝްވަރާތައް ކުރައްވައިފި އެވެ.

ރައީސް ސޯލިހާއެކު ބޭއްވެވި ބައްދަލު ކުރެއްވުމަށް ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޝްވަރާ ކުރެވުނު ހުރިހާ ކަންކަމާ ގުޅޭ ގޮތުން އެއްބަސްވުންތަކެއް ވެވުނު ކަމަށާއި ކޯލިޝަން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހާ އިންތިހާބާ ދިމާކޮށް ސަރުކާރު ކޯލިޝަންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެ މައްސަލަ ބޮޑުވެފަ އެވެ. ޖުމްހޫރީ ޕާޓީ ލީޑަރު ގާސިމް އިބްރާހިމް މިހާރު މަސައްކަތް ކުރައްވަނީ އިދިކޮޅު، ޕީޕީއެމްއާއެކު އެވެ. ނަމަވެސް އެ ޕާޓީގެ އިސް އެހެން ބޭފުޅުން އެކަމާ ދެކޮޅެވެ.

އިންތިހާބުގައި ރައީސް މައުމޫންގެ ތާއިދާއެކު ނުކުންނެވި ކެންޑިޑޭޓުންގެ ތެރެއިން ކާމިޔާބުވީ އެންމެ ކެންޑިޑޭޓަކަށެވެ. އަނެއްކޮޅުން އެމްޑީޕީއިން ވަނީ 65 ގޮނޑިއާއެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަގާފަ އެވެ. އެ ކާމިޔާބީއާ ގުޅިގެން ރައީސް މައުމޫން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ގުޅުއްވައި މަރުހަބާ ދެންނެވި އެވެ.

ނަމަވެސް ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ކެންޑިޑޭޓުންނަށް ނާކާމިޔާބީއާ ކުރިމަތިވީ އިންތިހާބަށް ވަތް ނުރަނގަޅު ނުފޫޒުތަކެއްގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ. އަދި ޕީޕީއެމް އަލުން ދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ރައީސް ސޯލިހު އަދިވެސް ނުފުއްދަވާ ކަމަށް ވެސް މިފަހުން ވިދާޅުވެފައިވެ އެވެ.