ދުނިޔެ

ރައީސް ބަޝީރު ޖަލަށް ގެންގޮސްފި

ބަޣާވާތަކުން ވެރިކަން ވައްޓާލުމަށް ފަހު ސިފައިންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ސުދާންގެ ކުރީގެ ރައީސް އުމަރު އަލްބަޝީރު ޙަރްތޫމްގެ ޖަލަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރައީސް އަލްބަޝީރުގެ 30 އަހަރުވަންދެން އޮތް ހުދުމުހުތާރު ވެރިކަން ނިމުމަކަށް އައީ މިދިޔަ ހަފުތާ ތެރޭގަ އެވެ.

ރައީސް ބަޝީރުގެ އާއިލާގެ ބޭފުޅާ ހަވާލާދީ ރިޕޯޓްތައް ބުނެފައި ވަނީ އިއްޔެގެ ވަގުތެއްގައި ހަރްތޫމްގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ޖަލެއް ކަމަށްވާ ކޯބަރް ޖަލަށް ރައީސް ބަޝީރު ބަދަލުކޮށްފައި ވާ ކަމަށެވެ. ކޯބަރް ޖަލު ސަރަހައްދުގައި ތިބި ބަޔަކާ ހަވާލާދީ އޭއެފްޕީން ބުނެފައި ވަނީ ޖަލު ސަރަހައްދުގައި ގިނަ އަދަދެއްގެ އަސްކަރީ ސިފައިން ހަރަކާތްތެރިވާ ކަމަށެވެ.

ބަޝީރުގެ ވެރިކަން ބަދަލުކޮށް ޖަލަށް ގެންދިޔަ ނަމަވެސް ސޫދާނުގައި މިހާރުވެސް މުޒާހަރާތައް ކުރިއަށް އެބަދެ އެވެ.

ރައީސް އަލްބަޝީރު ވެރިކަމުން ދުރުކުރެވި ހައްޔަރު ކުރުމުގެ އިތުރުން އެގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް އުމަރު އަހްމަދު މުހައްމަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. ނަމަވެސް އެގައުމުގެ ރައްޔިތުންގެ ބިރަކީ އެތަކެއް އަނިޔާތައް ތަހައްމަލް ކުރުމަށްފަހު އެމީހުންނަށް ކާމިޔާބުވެފައިވާ ކަންތައް ގައުމުގެ އަސްކަރިއްޔާއިން ޖަހައިގަނެފާނެތީ އެވެ.