ހަބަރު

މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނަށް ޝުމްބާ ހާޒިރު ކުރަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނަށް ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފު (ޝުމްބާ) ހާޒިރު ކުރަން ނިންމައިފި އެވެ.

ޝުމްބާ "އަވަސް" އަށް ބުނީ އޭނާ ހާޒިރު ވާން އަންގާފައިވަނީ ކޮމިޝަނުގެ މެމްބަރެއްގެ ފޯނުން ގުޅައި މާދަމާ 11:00 އަށް ކަމަށެވެ. އަދި ހާޒިރުކުރަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އަންގާފައިނުވާ ކަަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުމްބާ އެ ކޮމިޝަނަށް ހާޒިރު ކުރަނީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފުރާޝީމް އަލީގެ މަރުގެ މައްސަލާގައްޔާއި، ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލިފައިވާ މައްސަަލައިގެ ތަހުގީގަށެވެ. ބެލެވޭ ގޮތުގައި ޝުމްބާ ހާޒިރު ކުރަނީ އޭނާ ކޮށްފައިވާ ޓުވީޓްތަކެއްގެ މައްސަލައިގަ އެވެ.

ކޮމިޝަނަށް ހާޒިރުވާން އެންގުމާއި ގުޅިގެން ޝުމްބާ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެދިފައިވާ ގޮތާއި އެއްގޮތަށް ތަހުގީގުތަކަށް އެއްބާރުލުންދިނުމުގެ ގޮތުން ރިޔާސީ ކޮމިޝަނަށް މާދަމާ ހާޒިރުވާން ނިންމާފައިވާ ކަމަށެވެ.

ޝުމްބާ ކުރި ޓުވީޓް

ޝުމްބާ މާދަމާ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވާއިރު، މީގެ ކުރިން އެކޮމިޝަނަށް ވަނީ ސޯޝަލް މީޑިއާގައި އެކްޓިވްކޮށް އުޅުން ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒުވެސް ހާޒިރުކޮށްފަ އެވެ. އަދި ޝުމްބާ ލަންކާގައި ހުއްޓާ ހައްޔަރުކޮށްގެން ގެނެސް ދައުވާ އުފުލާ ބަންދުކޮށްގެން ގެންގުޅުނީ ޒާހިދު ރަމީޒަށް ސޯޝަލް މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރުދިން ކަމަށް ބުނާ މައްސަލައެއްގަ އެވެ.