ރޯދަމަހާ ދިމާކޮށް ބާއްވާ، ނައިޓް މާކެޓު 230 ސްޓޯލާއެކު ދަރުބާރުގޭގައި ފަށައިފި އެވެ.
ދަރުބާރުގޭގައި މި މަހުގެ 17 އިން 26 ގެ ނިޔަލަށް ކުރިއަށް ގެންދާ ނައިޓް މާކެޓް މި އަހަރު އިންތިޒާމު ކުރަނީ ލިކަމެކް ޕްރައިވެޓް ލިމިޓެޑުންނެވެ.
މިއީ ރާއްޖޭގައި މިފަދަ ބޮޑު އިންޑޯ މާކެޓެއް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ ދަރުބާރުގޭގައި ނައިޓްމާކެޓެއް ބާއްވާ ފުރަތަމަ ފަހަރުވެސްމެއެވެ.
މި އަހަރުގެ ނައިޓް މާކެޓުގައި ރޯދަ މަހަށް ބޭނުންވާނެ ގިނަ ސާމާނާއި އަންނައުނުގެ ގިނަ ބާވަތްތައް ލިބެން ހުރެ އެވެ.
"ލިކަމެކް ނައިޓް މާކެޓް" ގެ ނަމުގައި ނައިޓް މާކެޓު ކުރިއަށްދާނީ ހަވީރު 4:00 އިން އެރޭ 11:00 އަށެވެ. އަދި މިއަދުން ފެށިގެން 25 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އިން ރޭގަނޑު 11:00 އަދި 26 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އިން އެރޭގެ އިރުއޮއްސި 6:00 އަށެވެ.
މި ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 އިން ރޭގަނޑު 8:00 އަށް ނައިޓް މާކެޓް އާމުންނަށް ބަންދުވާނެ އެވެ. ލިކަމެކް ނައިޓް މާކެޓްގައި އެއް ކެންޓީން އިންނަ އިރު އެ ކެންޓީން ހިންގަމުން ދާނީ ދަ ކިޗަން އިންނެވެ.