މާލެ ސިޓީ ކައުންސިލުން ރޯދަ މަހުގެ ކުރިން ބާއްވަން މަސައްކަތް ކުރި "ސިޓީ ނައިޓް މާކެޓް" ނުބާއްވަން ނިންމައިފި އެވެ.
ހެޔޮ އަގުގައި ރޯދައަށް ބޭނުންވާ ސާމާނު ހޯދައިދިނުމުގެ ގޮތުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އެހީތެރިވުމުގެ ގޮތުން ނައިޓް މާކެޓް ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމީ މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން 10 ދުވަހަށެވެ.
ކައުންސިލުން މިއަދު ބުނީ ނައިޓް މާކެޓް ބާއްވަން ވަގުތު ނެތުމުގެ ސަބަބުން ނައިޓް މާކެޓްގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް ކައުންސިލުން މިހާރު ނިންމާފައިވާ ކަމަށެވެ.
ނައިޓް މާކެޓް ނުބާއްވަން ނިންމާފައި މިވަނީ އެ އިވެންޓް ބާއްވަން "މައި ފިއުޗާ" ކިޔާ ބަޔަކާ ހަވާލުކޮށް އަދި ނައިޓް މާކެޓްގެ ގޮޅިތަކަށް ކުރިމަތިލުމަށް ހުޅުވާލުމަށް ފަހު އެވެ.
ނައިޓް މާކެޓް ކެންސަލް ކުރިިއިރު އުސްފަނގަޑުގައި ނައިޓް މާކެޓް ބޭއްވުމަށް ޕްލޭނިން މިނިސްޓްރީގެ ހުއްދަ ހޯދައި ނައިޓް މާކެޓް ބޭއްވުމުގެ ގޮތުން އެ ތަނުގައި ބައެއް މަސައްކަތްތައް ވެސް ފަށާފައިވެ އެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ނައިޓް މާކެޓް ނުބާއްވަން ނިންމި ނަމަވެސް ރޯދަ މަހަށް ހާއްސަކޮށްގެން ހަދާ ވަގުތީ ދެ މާރުކޭޓްގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ.