ނައިޓް މާކެޓް

އަހަރުގެ އެންމެ ބޮޑު ނައިޓް މާކެޓް ހުޅުވައިފި

Dec 26, 2021
1

އަހަރުގެ އެންމެ ބޮޑު ނައިޓް މާކެޓް މިރޭ މާލޭގައި ހުޅުވައިފި އެވެ. ނައިޓް މާކެޓް ހުޅުވުމަށް ވަކި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެއް ނުވެ އެވެ.

ރަސްފަންނު ސަރަހައްދުގައި މިރޭ ހުޅުވި ނައިޓް މާކެޓް ކުރިއަށް އޮތް 10 ރެއަށް ކުރިއަށް ދާނެ އެެވެ.

ނައިޓް މާކެޓް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން މެންދަމު 12:00 އަށެވެ.

ނައިޓް މާކެޓަށް 200 އަށް ވުރެ ގިނަ މޭޒު ވިއްކާފައިވާއިރު މޭޒުތަކުގައި ތިބި މީހުން ވަނީ މޭޒުތަކުން މުދާ ލިބޭ އަގު އާންމު ފިހާރަތަކުން ލިބޭ އަގުތަކަށް ވުރެ ހެޔޮވާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އަގުގައި އެހާ ބޮޑު ތަފާތެއް ހުރި ކަމަކަށް އަވަސްގެ ނޫސްވެރިންނަށް ފާހަގައެއް ނުކުރެވެ އެވެ.

މާލެ ސިޓީ ކައުންސިލާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން މިރޭ ހުޅުވި ނައިޓް މާކެޓް ބާއްވާ ފަރާތަކީ ޕްރިޒަމް ހޯލްޑިންސް އެލްއެލްޕީ އެވެ.

ޕްރިޒަމް ހޯލްޑިންސްގެ އޮފިޝަލަކު ވިދާޅުވީ ނައިޓް މާކެޓް ކުރިއަށްދާނީ ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭ އިން އަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ފިޔަވަޅުތައް އަޅައިގެން ކަމަށެވެ. ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އަޅާފައި ހުރި ނަމަވެސް ބައެއް މޭޒުތައް ކައިރީގައި އެއް ފަހަރާ ގިނަ ބަޔަކު ޖަމާވެ ތިބިކަން ފާހަގަކުރެވުނެވެ.

ނައިޓް މާކެޓް ހިނގަމުންދާ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވެ އެވެ. އަދި ފުލުހުންނަށް ފާހަގަކުރެވޭ ކަންކަން ރަނގަޅު ކުރަން އަންގަމުން ގެންދިޔަ މަންޒަރު ފެނިފައިވެ އެވެ.

މާލޭގައި މިރޭ ނައިޓް މާކެޓެއް ހުޅުވިއިރު މިމަހުގެ ތެރޭގައި ވަނީ ދަރުބާރުގޭގެ އިރުމަތީގައި އޮންނަ ހުސް ބިމުގައި އާއި ހުޅުމާލެ ރުށްގަނޑު ސަރަހައްދުގައި ކައިރިކައިރީގައި ދެ ނައިޓް މާކެޓެއް ބާއްވާފަ އެވެ.