ނައިޓް މާކެޓް

އަހަރުގެ އެންމެ ބޮޑު ނައިޓް މާކެޓް މިރޭ ހުޅުވަނީ

އަހަރުގެ އެންމެ ބޮޑު ނައިޓް މާކެޓް މިރޭ މާލޭގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން މިރޭ ހުޅުވާ ނައިޓް މާކެޓް ބާއްވާ ފަރާތަކީ ޕްރިޒަމް ހޯލްޑިންސް އެލްއެލްޕީ އެވެ.

މިރެއިން ފެށިގެން 10 ދުވަހަށް ކުރިއަށްދާ ނައިޓް މާކެޓް ހުޅުވުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ޖަހާއިރު އެވެ.

ރަސްފަންނު ސަރަހައްދުގައި ނައިޓް މާކެޓް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން މެންދަމު 12:00 އަށެވެ.

ނައިޓް މާކެޓަށް 200 އަށް ވުރެ ގިނަ މޭޒު ވަނީ ވިއްކާފަ އެެވެ. މޭޒު ބެހެއްޓުމަށް އަށް ފޫޓު އަށް ފޫޓު ގޮޅިއެއް ދޫކޮށްފައިވެ އެވެ.

ޕްރިޒަމް ހޯލްޑިންސްގެ އޮފިޝަލަކު ވިދާޅުވީ ނައިޓް މާކެޓް ކުރިއަށްދާނީ ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭ އިން އަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.

މާލޭގައި މިރޭ ނައިޓް މާކެޓެއް ހުޅުވުމަށް ތައްޔާރުވަމުންދާއިރު މިމަހުގެ ތެރޭގައި ވަނީ ދަރުބާރުގޭގެ އިރުމަތީގައި އޮންނަ ހުސް ބިމުގައި އާއި ހުޅުމާލެ ރުށްގަނޑު ސަރަހައްދުގައި ކައިރިކައިރީގައި ދެ ނައިޓް މާކެޓެއް ބާއްވާފަ އެވެ.