ދުނިޔެ

އިންޑިއާގައި ބޯ ވާރެއާއެކު ހޮނު އަޅައި ބަޔަކު މަރުވެއްޖެ

އިންޑިއާގެ އުތުރާއި ހުޅަނގުގެ ހިސާބުތަކަށް ބޯކޮށް ވާރޭ ވެހި ހޮނުއެޅުމުގެ ސަބަބުން ފަންސާހަށްވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިއަ ބުދަ ދުވަހުގެ ރެއިން ފެށިގެން މިއަދާ ހަމައަށް އިންޑިއާގެ ރާޖަސްތާނާއި މަދްޔަ ޕްރަދޭޝް އާއި ގުޖަރާތު އަދި މަހަރަޝްތުރާ އަށް ގަދައަށް ވިދާ ގުގުރުމާއިއެކު ދަނީ ބޯކޮށް ވާރޭ ވެހެމުން ނެވެ.

ވާރޭގައި ބައެއް ގެތައް ވެއްޓުމުގެ ސަބަބުން ރާޖަސްތާނުގައި 25 މީހުން ވަނީ މަރުވެފައި ވެއެވެ. މަދްޔަ ޕްރަދޭޝްގައި 15 މީހުން މަރުވެފައި ވާއިރު ގުޖަރާތުގައި 10 މީހުން މަރުވެފައި ވެއެވެ. އަދި މަހަރަޝްތުރާގެ ފައްޅިއެއްގައި ތިބި ތިން މީހަކު މަރުވެފައިވަނީ އެމީހުން ގަޔަށް ހޮނު އެޅުމުގެ ސަބަބުންނެވެ.

މީގެ އިތުރުން ގިނަ ސަރަހައްދުތަކުގެ ދަނޑުގޮވާމާއި ގެންގުޅޭ ބައެއް ޖަނަވާރުތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ މިކަމަށް ހިތާމަ ފާޅުކޮށްފަ އެވެ. މަރުވެފައިވާ މީހުންގެ އާއިލާތަކަށް އެހީގެ ގޮތުގައި ދެ ލައްކަ އިންޑިއާ ރުޕީޒް އަދި ގެއްލުން ލިބިފައިވާ ހުރިހާ ފަރާތްތަކަށް 50،000 ރުޕީޒްގެ އެހީ ދެއްވާނެ ކަމަށް ބޮޑުވަޒީރު ނަރެދުރަ މޯދީ ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެ ގައުމުގެ ގިނަ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ.