އިންޑިއާ

ދިއްލީގެ ވައި ސާފުކުރަން 600 މިލިއަން ޑޮލަރު

އިންޑިއާގެ ވެރިރަށް ހިމެނޭ ގޮތުން މުޅި ދިއްލީގެ ވައި ސާފުކުރުމަށް ޓަކައި ތިން އަހަރަށް ބަހާލައިގެން 600 މިލިއަން ޑޮލަރު ހޭދަކުރަން ދިއްލީން ނިންމައިފި އެވެ.

ދިއްލީގެ ވައި ސާފުކުރެވެން އޮތް ގަޮތަކީ ތެލުން ދުއްވާ އެއްގަމު އުޅަދުތަކުގެ ބަދަލުގައި ކަރަންޓް އުޅަނދު ތައާރުފު ކުރުން ކަމަށް ސަރުކާރުން ބުނެ އެވެ.

ދުނިޔޭގައި އެންމެ ބޮޑަށް ވައި ނުސާފު ގައުމުތަކުގެ ލިސްޓްގައި އެއްވަނާގައި އާންމުކޮށް އޮންނަ ދިއްލީ ސަރުކާރުން ބުނާ ގޮތުން 2025 އައުމުގެ ކުރިން އާންމު ދަތުރުފަތުރުގައި ބޭނުންކުރެވޭ 80 ޕަސެންޓް ބަސް، ކަރަންޓު އުޅަނދަށް ބަދަލުކުރެވޭނެ އެވެ.

ސޯލާ ހަކަތަ ތައާރުފު ކުރުމާއި ޗާޖިން ސްޓޭޝަންތައް އިތުރު ކުރުމަކީ ވެސް ފައި ސާފުކުރަން ރޭވުމުގައި އޮތް ގޮތް ކަމަށް ދިއްލީ ސަރުކާރުގެ އޮފިޝަލް ޖޭސްމީން ޝާހް ވިދާޅުވި އެވެ.

ނިއު ދިއްލީ އާއި މުމްބާއީގެ ފެނާއި ވައި ސާފުކުރުމަށް ފައިސާގެ ދަތިކަމެއް ނެތް ކަމަށް ޝާހް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ހަރުދަނާ މަސައްކަތެއް ނުކުރެވިގެން އުޅެނީ ސިޔާސީ ގޮތުން އޮތް ވާދެވެރިކަމުގައި ގައުމީ ރޫހެއް ނެތުމުންނެވެ.

އިންޑިއާ އަކީ ތިމާވެއްޓާ ރައްޓެހި ގައުމަކަށް ހެދުމަށް ހިންގާ ޕްރޮގްރާމްތަކުގައި އެންމެ ބޮޑަށް ފޯކަސްކޮށްފައި ވަނީ ކަރަންޓް އުޅަނދު އުފެއްދުމަށެވެ. ތެޔޮ އަންދާ މިންވަރު މަދުކޮށް ހަކަތަ އުފެއްދުމަށްޓަކައި ތިމާވެއްޓާ ރައްޓެހި ބާވަތްތައް -- ނިއުކްލިއާ ޕަވާ ޕްލާންޓްތައް އިތުރު ކުރުމަކީ ވެސް އިންޑިއާގެ ވިސްނުމެކެވެ.