ދުނިޔެ

ފަރަންސޭސި ބޮޑުވަޒީރު އޮފީހަށް ކްލައިމެޓް އެކްޓިވިސްޓުން ސްޕްރޭ ޖަހައިފި

ފަރަންސޭސި ކްލައިމެޓް އެކްޓިވިސްޓުންގެ ދެ މީހަކު ބޮޑުވަޒީރު އެލިޒަބަތު ބޯންގެ އޮފީހުގެ މައި ދޮރަށް ސްޕްރޭ ޖަހައިފި އެވެ.

ދާހްނިޔާ ރެނޮވޭޝަން (ލާސްޓް ރެނޮވޭޝަން)ގެ ނަމުގައި ހިންގާ އެ ޖަމާއަތުން ބުނީ ބޮޑުވަޒީރުގެ އޮފީހަށް ސްޕްރޭ ޖަހަން ޖެހުނީ ތިމާވެއްޓާ މެދު ސަރުކާރުން މާބޮޑަށް އިހުމާލުވެފައި ވާތީ ކަމަށެވެ.

އެ ދެމީހުން ލައިގެން ތިބި ޓީޝާޓްގައި "ހޫއިޒް ގިލްޓީ" އޭ ޖަހާފައި ވެއެވެ. މިއީ ކުށްވެރިންނަކީ އެ މީހުން ނޫން ކަމާއި ތިމާވެއްޓަށާއި މޫސުމީ ބަދަލުތަކަށް އިހުމާލުވި މީހުންނަކީ ކުށްވެރިން ކަމަށް ދެއްކުމަށް ލިޔެފައި އޮތް ޝިއާރެކެވެ.

ބޮޑުވަޒީރުގެ އޮފީހުން މިކަމަށް ރައްދު ދީފައެއް ނުވެ އެވެ. އަދި އެކްޓިވިސްޓުންގެ ގޮވާލުމަށް އަޅާލާފައެއް ވެސް ނުވެ އެވެ.

ފްރާންސްގެ ވަރަށް ގިނަ ސިޓީތަކުގައި ވައި ތަޣައްރުވުން ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފަ އެވެ. ލޯކަލް ސަރުކާރުތަކުން މިކަމަށް ހައްލެއް ހޯދާފައި ނުވާތީ 2021 އަދި 2022 ގައި ވެސް ސަރުކާރުތައް 10 މިލިއަން ޔޫރޯއިން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ފްރާންސްގެ އެންމެ މަތީ އިދާރީ ކޯޓުން 2017 ގައި ނެރުނު އަމުރެއްގައި ނައިޓްރޯޖަން ޑަޔޮކްސައިޑް އާދަޔާ ހިލާފަށް ގިނަ ޒޯންތަކުން ނައިޓްރޯޖަން ޑަޔޮކްސައިޑް ދަށްކުރުމަށް ސަރުކާރަށް އޮތީ އަމުރުކޮށްފަ އެވެ.

އެހެން ނަމަވެސް، ކްލައިމެޓް އެކްޓިވިސްޓުން ބުނާ ގޮތުން އެކަށީގެންވާ ގޮތުގައި ތިމާވެށީގެ މައްސަލަތަކަށް ސަރުކާރުން އަޅާލާފައެއް ނުވެ އެވެ. އަދި ސަރުކާރުން ސަރުކާރަށް ކުރާ އެފަދަ އަމުރުތައް ވެފައި ވަނީ ޖަމަލުފޮޑިއަށެވެ.