އިންޑިއާ އާއި ޕާކިސްތާންގެ ބައެއް ސަރަހައްދުތަކަށް މިއީ ވަރަށް ހޫނުގަދަ ދުވަސްކޮޅެކެވެ. ގަދައަވީގައި ދިލަގަދަ ހޫނަށް ކެތްނުކުރެވި ހީޓް ސްޓްރީކް ޖެހުމުގެ ސަބަބުން ހާލުދެރަވެގެން އެތައް ބަޔަކު ވަނީ ފަރުވާދޭން ޖެހިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ގަދަ ހޫނުގެ ސަބަބުން އިންޑިއާގައި މިދިޔަ މަހު ފަހުކޮޅުން ފެށިގެން މިހާތަނަށް 25 މީހަކު ވަނީ މަރުވެފަ އެވެ. އަދި 381 މީހަކަށް ހީޓް ސްޓްރޯކް ޖެހިގެން ރިޕޯޓްކޮށްފައި ވެއެވެ.
އިންޑިއަން މިޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ބުނާ ގޮތުން އެކި އަވަށްތަކުގައި ހޫނުމިން 42 އާއި 46 އަށް ވަނީ އަރާފަ އެވެ.
އާދަޔާ ހިލާފަށް ހޫނުގަދަވުމާ ދިމާކޮށް މީހުން މަރުވުން އިތުރުވާތީ ހެދި ޕޯސްޓްމޯޓަމް ރިޕޯޓްތަކުން ވެސް މަރުގެ ސަބަބަށް ދައްކަނީ ހޫނުގަދަވުން ކަމަށް ސިއްހީ އޮފިޝަލުން ބުނެ އެވެ.
ޑރ. ޕްރްދީޕް އަވާޓޭ ވިދާޅުވި ގޮތުގައި އިންޑިއާއަށް އަހަރުގެ މިހިސާބަކީ މިއިން ޒަމާނަކު ވެސް ތަޖުރިބާކުރެވިފައި ނެތް ދުވަސްތަކެކެވެ. އަދި ފާއިތުވި 122 އަހަރު ވެސް މިހާ ހޫނު ދުވަސްތަކެއް އިންޑިއާ ތަޖުރިބާ ނުކުރެ އެވެ.
ޑރ. ޕްރަދީޕްއަކީ ހީޓް ސްޓްރޯކް ޖެހޭ މީހުންނަށް ފަރުވާ ދެއްވާ ޑޮކްޓަރެކެވެ.
ޕާކިސްތާންގަައި ވެސް ގަދަހޫނުގެ ސަބަބުން ހިނގާބިނގާވެ އުޅެން ވަނީ ދަތިވެފަ އެވެ. އަދި މަސައްކަތްތައް ހުއްޓާލަން ޖެހޭ ހިސާބަށް ހާލަތު ވަނީ ގޯސްވެފަ އެވެ.
އިންޑިއާ އާއި ޕާކިސްތާން ހިމެނޭ ގޮތުން އޭޝިއާގެ މިސަރަހައްދަށް މިއީ ވަރަށް ހޫނުގަދަ ދުވަސްކޮޅެކެވެ. ލަންކާ އަދި ދިވެހިރާއްޖޭގައި ވެސް ހޫނުގަދަވުމުގެ ސަބަބުން ދަތި އުނދަގޫތައް ވަނީ ތަޖުރިބާކުރަން ޖެހިފަ އެވެ.