ޖަޕާންގެ ސުޒުކީން އިންޑިއާގައި ކަރަންޓް އުޅނަދު އުފައްދަނީ އެވެ. ސުޒުކީން ބުނީ މަސައްކަތްތައް ފަށައިގަތުމަށް 1.37 ބިލިއަން ޑޮލަރު އިންޑިއާގައި އިންވެސްޓް ކުރާނެ ކަމަށެވެ.
އިންޑިއާގައި ސުޒުކީ މަރުކާގެ މޮޑެލްތައް އުފެއްދުމާއި މާކެޓް ކުރުމުގައި އެންމެ މުހިންމު ބައިވެރިޔާ، މަރޫޓީ ސުޒުކީން ބުނި ގޮތުން ކަރަންޓް އުޅަނދާއި ބެޓެރީ އުފެއްދުމާ ބެހޭ ގޮތުން ޖަޕާން ކުންފުންޏާއެކު ދަނީ މަޝްވަރާތައް ކުރެވެމުންނެވެ.
މަރޫޓީ ސުޒުކީ ބުނާ ގޮތުން އިންޑިއާގައި މަދަނީ ބޭނުންތަކަށް ކަރަންޓް އުޅަދު އުފައްދަން ހިންގާ އެންމެ ބޮޑު ޕްރޮޓް ކަމަށް މި ޕްރޮޖެކްޓް ވާނެ ކަމަށެވެ.
އަދި ކަަރަންޓް އުޅަނދު އުފެއްދުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށް ވެސް ބުންނެވެ. އެއީ ޕެޓްރޯލާއި ޑީސަލަށް ބޭނުން ޖެހިފައި އޮތް މިންވަރު ކުޑަކުރުމަށާއި އިންޖީން އުޅަނދުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރުމަށެވެ.
ޖަޕާންގެ ސުޒުކީ ކުންފުނިން އިންޑިއާގައި މިހާބޮޑު އިންވެސްޓްމަންޓެއް ކުރަން ނިންމާފައި ވަނީ މިދާކަށް ދުވަހު ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ އިންޑިއާއަށް ކުރެއްވި ދަތުރާ ގުޅިގެންނެވެ.
ފުމިއޯ ކިޝިޑާ އިންޑިއާއަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދިއާ ބައްދަލު ކުރައްވައި ދެގައުމުގައި ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
ދެބޮޑުވަޒީރުންގެ ބައްދަލުވުމުގައި 42 ބިލިއަން ޑޮލަރު އިންޑިއާގައި އިންވެސްޓް ކުރައްވާނެ ކަމަށް ޖަޕާން ބޮޑުވަޒީރު ވިދާޅުވި އެވެ. އެކަމަކު އެއީ ކުރިއަށް އޮތް ފަސް އަހަރަށް ބަހާލައިގެންނެވެ.
އިންޑިއާގައި ސުޒުކީ މޮޑެލްތައް އުފައްދަނީ ދެގައުމު ގުޅިގެންނެވެ. އެހެން ނަމަވެސް ސިއްސާގައި ބޮޑުބައި އޮންނަނީ ޖަޕާން ސުޒުކީއަށެވެ.
އިންޑިއާގައި މިހާރު ވެސް ކަރަންޓް އުޅަނދު އުފައްދަ އެވެ. އިންޑިއާގެ އުންމީދަކީ ދުނިޔޭގެ ކުންފުނިތަކުން މާކެޓްކުރާ މޮޑެލްތައް އިންޑިއާ މާކެޓަށް ފެތޭ ގޮތަށް އުފައްދައި އާންމު ވިޔަފާރިއަށް ނެރުމެވެ.